ވައިޓްހައުސް (ސެޕްޓެމްބަރ 21): އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން އީރާން ސަރުކާރާ ސީދާގޮތެއްގައި ވާހަކަ ދައްކަން ތައްޔާރަށްއޮތްކަން ފުރަތަމަ ފަހަރަށް އެމެރިކާ ހާމަކޮށްފި އެވެ.

ވައިޓްހައުސްގެ ތަރްޖަމާނުގެ ނައިބު ޖޯޝް އާނެސްޓް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ސުލްޙަވެރި ޕްރޮގްރާމެއްކަމަށް އީރާން ބުނަމުންގެންދާތީ މިކަން ކަށަވަރުކުރުމަށް ޓަކައި އީރާނުގެ ސަރުކާރާ ވާހަކަދައްކަން ރައީސް ބަރަކް އޮބާމާގެ ސަރުކާރު މިހާރު ތައްޔާރަށް އޮތްކަމުގަ އެވެ. މިއީ މިމައްސަލާގައި އީރާނާ ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް އެމެރިކާ އަމިއްލަ އަށް އެދިގެން ހުށަހަޅާ ފުރަތަމަ ފަހަރު ކަމަށާ އީރާން ބޭނުން ނަމަ ވާހަކަތައް ފަށާނެ ތާރީޚެއް މިހާރު ވެސް ކަނޑައެޅިދާނެ ކަމަށް ޖޯޝް އާނެސްޓް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އަށް ދާދިފަހުން ސިޓީ އެއް ފޮނުއްވާފައިވާކަން ވަނީ ހާމަވެފަ އެވެ. އޮބާމާގެ ސިޓީ އެއްލިބިވަޑައިގެންފައިވާ ކަމަށާއި ނިއުކްލިޔާ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ހަސަން ރޫޙާނީ ވެސް ވަނީ ވިދާޅުވެފަ އެވެ.

އެއްވެސް ޙާލަތަކާގުޅިގެން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް އީރާން ނުގެންގުޅޭ ކަމަށާ އީރާނުގެ ދިފާޢީ ހަތިޔާރުތަކުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު ނުހިމެނޭނެ ކަމަށް ވިދާޅުވެ ރޫޙާނީ ދާދިފަހުން ސީއެންއެން އަށް ދެއްވި ބަޔާން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންގެ މެދުގައި ވަނީމަޤްބޫލު ބަޔާނަކަށް ވެފަ އެވެ.

މެދުމިނުގެ ސިޔާސަތު ތަކެއް ގެންގުޅުއްވާ ކަމަށް ހުޅަނގުން ބުނާ ޑރ. ރޫޙާނީއަކީ އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދް އާ ޚިލާފަށް ހުޅަނގުން ކޮންމެވެސް ވަރަކަށް އިތުބާރުކުރައްވާ ބޭފުޅެއް ކަމަށްވާތީ ރޫޙާނީ ވެސް ގެންދަވަނީ މިއިތުބާރުގެ ބޭނުންހިފައިގެން އީރާނާއި އެމެރިކާއާ ދެމެދުގައިވާ ދުޝްމަންކަން ކުޑަކޮށް އީރާނާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އެގައުމު ސަލާމަތް ކުރެވޭނެގޮތެއްވޭތޯ ބެލުމަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހުޅަނގުން މަތީ ތަޢްލީމު ޙާސިލް ކުރައްވައިގެން ހުންނެވި ޑރ. ޙަސަން ރޫޙާނީ އީރާނުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ނިއުކްލިޔާ މައްސަލައާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އެގައުމު ސަލާމަތް ކުރައްވާނެ ކަމުގެ ވައުދާއެކުގަ އެވެ. ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިސާދަށް ދަނީ އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

އަނެއްކޮޅުން އީރާނާއި އެމެރިކާ ސީދާގޮތެއްގައި ވާހަކަ ދައްކަންފަށާފާނެ ކަމުގެ ޚަބަރުތަކާއެކު އިސްރާއީލުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ އީރާނާއެކު ނިއުކްލިޔަރ ވާހަކަތައް ދެއްކުމަކީ ވަގުތުނަގާލުމެއްކަމަށާ މިކަމުން އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމުގަ އެވެ. އަދި ކުރިޔަށްއޮތް 6 މަސް ތެރޭގައި އީރާނުން ސިއްރިޔާތުގައި ނިއުކްލިޔަރ ބޮމެއް އުފައްދާނެ ކަމަށާ އީރާނާ ވާހަކަދެއްކުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ލިބުންފިޔަވައި އެހެންކަމެއް ނުވާނެ ކަމަށާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮންއެޅުން ނޫންއެހެންގޮތެއްނެތް ކަމަށްވެސް އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އިސްރާއީލާއި އެމެރިކާ ބުނާ ގޮތުން އީރާން ގެންދަނީ މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ ޕްރޮގްރާމާ އެއްހަމައެއްގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ސިއްރު ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެތް އިސްރާއީލަށްވެސް އަދި އެމެރިކާއަށްވެސް ދެއްކިފައެއް ނުވެއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ހަތިޔާރާއި ޓެކްނޮލޮޖީގެ އެހެން ޕްރޮގްރާމް ތަކުގެ ސަބަބުން މެދުއިރުމަތީގެ ޢަސްކަރީ ބާރުގެ ތިލަފަތް ހަމަހަމަވެ އިސްރާއީލުގައި ހުރިފަދަ ބާރުގަދަ މަތީ ޓެކްނޮލޮޖީގެ ހަތިޔާރު އީރާނުން ހޯދުމަކީ އިސްރާއީލުގެ ވުޖޫދަށް އޮތް އެންމެ ބޮޑު ބިރުކަމަށް އިސްރާއީލުން ދެކެ އެވެ. އަލްޤާޢިދާއަށް ވުރެވެސް އިސްރާއީލުގެ ވުޖޫދަށް ނުރައްކާތެރީ އީރާން ކަމަށް ދާދިފަހުން އިސްރާއީލުގެ ބޮޑުވަޒީރު ވަނީސިފަކުރައްވާފައެވެ. (އަލްޖަޒީރާ)