ވޯޓުލާ މީހުންގެ ލިސްޓުގެ ސައްޚަކަން ކަށަވަރު ކުރުމަށްފަހު ނޫނީ ދެވަނަ ބުރަށް ދިޔުމަކީ ޕީޕީއެމުން ބޭނުންވާ ގޮތެއްނޫންކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

"ގުޅިގެން ދިވެހިރައްޔިތުންގެ ޝުއޫރު ފާޅުކުރުން" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން އިސްނަގައިގެން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ފެށުމުގެ ކުރިން ވޯޓުލާ މީހުންގެ ލިސްޓު ސައްޚަތޯ ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަކީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން އިއްތިފާގުވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި ވޯޓު ކަރުދާސް ޗާޕްކޮށްގެން ވޯޓު ފޮއްޓާ ހަމައަށް ގެންދާއިރު ފާރަވެރިކަމާ އެކު ދެ ކެންޑިޑޭޓުންނަށް ބެލޭނެ އިންތިޒާމް ވެސް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށެވެ.

އެކަންކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ޑިޕާޓްމަންޓް އޮފްނޭޝަނަލް ރަޖިސްޓްރޭޝަންގައި ނެތް 6000 މީހުން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވަނީ ކޮންގޮތަކުންކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ އޭގެއިތުރުން އެކަކަށް އެތަކެއް ފަހަރު ވޯޓު ނުލެވޭގޮތް ކަށަވަރު ކުރެވިފައި ވަނީ ކޮން ގޮތަކުން ކަން ވެސް އިލެކްޝަންސް ކޮމިޝަނަށް ޝަރީއަތަށް ޔަގީން ކޮށްދެވިފައި ނުވާކަމަށެވެ.

މިރޭގެ ރެލީގައި އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއެއްގެ އާންމު މެންބަރުން ވަނީ ބައިވެރިވެފަ އެވެ.