ޖުޑީޝަލް ސާވިސް ކޮމިޝަން[ޖޭއެސްސީ]ގެ ރައީސް ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަތް މައްސަލަ އެ ކޮމިޝަނުގެ ވެބްސައިޓުގައި ކުއްލި ހަބަރެއްގެ ގޮތުގައި ޝާއިއުކުރުމާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް ކުއްލި މައްސަލައެއްގެ މެންބަރަކު ހުށަހަޅުއްވައިފި އެވެ.


ޖޭއެސްސީގެ ޖަލްސާއެއް ދޫކުރައްވައި މިދިޔަ އާދީއްތަ ދުވަހު އެ ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދު ނުކުމެވަޑައިގަތް މައްސަލަ އެ ކޮމިޝަނުގެ ވެބްސައިޓުގައި ކުއްލި ހަބަރެއްގެ ގޮތުގައި ޝާއިރު ކުރުމުން އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަށް ހުށަހެޅުއްވީ އެ ކޮމިޝަނަށް ރައްޔިތުންގެ ކަނޑުއަޅުއްވާފައިވާ މެންބަރު ޑރ. އަފްރާޝީމް އަލީ އެވެ.


ޖޭއެސްސީ އިން ބުނީ "އެ ހަބަރު ލިޔުމަކީ މައްސަލައެއް ކަމަށް" ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކުރީ އެކަމަކީ ގޯހެއް ކަމަށް ކޮމިޝަންގެ ރައީސް ވެސް ދެކިވަޑައިގަންނަވާތީ ކަމަށެވެ.


ޖޭއެސްސީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "މި މައްސަލައިގައި ކޮމިޝަނުގެ މެންބަރުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައި އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ކޮމިޝަނުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމަކީ މުހިންމު ކަމެއްގައި ދެކި އެގޮތަށް ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް މެންބަރުން ފާހަގަކުރެއްވި" ކަމަށެވެ.


ނަމަވެސް ޖޭއެސްސީގެ ރައީސް ޖަލްސާއެއް ދޫކުރައްވައި ވަޑައިގަތުމުން އެ ހަބަރު ލިޔެވޭނެތޯ ނުވަތަ ނޫންތޯ އަދި ނިންމާފައި ނުވާކަމަށް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ވަގުތީ މީޑިއާކޯޑިނޭޓަރު ވިދާޅުވީ އެ މައްސަލައާ މެދު ގޮތެއް ނުނިންމި ވަނީ އެ ކޮމިޝަނުގެ އިދާރީ ގަވާއިދު ފާސްވެފައި ނުވާތީ ކަމަށެވެ.


"އެ މައްސަލަ ވަކިގޮތަކަށް ނުނިމޭ އަދިވެސް. އެނގިވަޑައިގަންނަވާނެ އިދާރީ ގަވާއިދު އަދިވެސް ނުހެދޭކަން. އެހެންވީމަ ވަކި އުސޫލުތަކެއް ނެތް. މެންބަރުން އިއްޔެ ވެސް ބޮޑަށް އިދާރީ ގަވާއިދު ފާސްކޮށް ޕްރޮސީޖާތައް އެކުލާވަން ވާހަކަ ދެއްކެވި."


އެ ކޮމިޝަނުގެ އިއްޔެގެ ޖަލްސާގައި ވެސް އިދާރީ ގަވާއިދާ މެދު ބަހުސްކޮށް ގޮތެއް ނިންމަން އެޖެންޑާކޮށްފައިވީ ނަމަވެސް އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ބައްދަލުވުމަށް ވަޑައިގެންފައި ނުވާތީ އެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަނޑިޔާރުންނާއި އިންޓަވިއުކުރަން އިންޓަވިއު ޕެނަލް އެކުލަވާލުމާއި ފަނޑިޔަރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ގުޅިގެން އެ ކޮމިޝަނުން ކުރަން ޖެހޭ ކަންތައްތައް ލިސްޓް ކުރުމަށްޓަކައި އުފެއްދި ކޮމެޓީން ލިސްޓް ކޮށްފައިވާ ކަންތައްތައް ކުރާނެގޮތެއް ކަނޑައެޅުމަށް ވެސް އެޖަންޑާ ކޮށްފައިވީނަމަ ވެސް އެ ދެ މަސައްކަތް ވެސް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.  


އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބަހުސް ކޮށްފައިވާ ހަމައެކަނި މައްސަލައަކީ އެ ކޮމިޝަނުގެ ރައީސް ޖަލްސާ ދޫކުރައްވާ ވަޑައިގަތުމާ ގުޅިގެން ޝާއިއު ކުރި ކުއްލި ހަބަރާ ބެހޭ މައްސަލަ އެވެ.