20 Sep 2013, 21:38
މާލޭގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ޓަކައި ވިލިމާލެ އާއި ތިލަފުއްޓާ ދެމެދު އޮންނަ ފަޅު ހިއްކައިގެން އުފެއްދި، "ގްލޯބަލް ގްރީން ސިޓީ"، ގުޅިފަޅުގައި އެޅި ފުރަތަމަ މިސްކިތް ހުޅުވައިފި އެވެ.
މިއަދު މެންދުރު ގުޅިފަޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގުޅިފަޅުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (ޖީޕީޑީ)ގެ ފަރާތުން އެޅައިދިން ފުރަތަމަ މިސްކިތް، "މަސްޖިދުލްއަލް އިހްލާސް" ހުޅުއްވައިދެއްވީ އެކުންޕުނީގެ ޑިރެކްޓަރު ރާޖް މަނިވަނަމް އެވެ.
ޖީޕީޑީގެ މެނޭޖަރު އޮފް އޮޕަރޭޝަން ވަތްސަލާ "ސަން" އަށް ވިދާޅުވީ މިއަދު ހުޅުވި މިސްކިތަކީ ޖުމްލަ 270 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައެއް އެކުލެވޭ މިސްކިތެއް ކަމަށާއި މިސްކިތް އިމާރާތް ކުރުމަށް 660،000ރ. ހަރަދުވެފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގުޅިފަޅުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ޗެރިޓީ ހޮސްޕިޓަލެއްގެ ބިންގާ ވެސް އަޅާފަ އެވެ. އެ ހޮސްޕިޓަލީ ހަ މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމާ ގޮތަށް ރޭވިފައިވާ މަޝްރޫއެއް ކަމަށާއި ނަމަވެސް އެއްވެސް ކޮންޓްރެކްޓަރަކާ އެކު އަދި ސޮއިނުކުރާ ކަމަށް "ގްލޯބަލް ގްރީން ސިޓީ" އިން ބުންޏެވެ. އަދި އެ ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަށް ހަދަން ހަމަޖެހިފައިވާ ތަނެއް ކަމަށާއި ހޮސްޕިޓަލް ނިމޭ އިރު 100 ވޯޑު، ރޫމް ހެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިނގިރޭސި ވިލާތުގެ ކުންފުންޏެއްކަމަށްވާ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރުގެ ތެރޭގައި، 35 އަހަރަށް ދިން ގުޅިފަޅު ތަރައްގީ ކުރަމުން އަންނަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދެފިޔަވަހީގެ ދަށުން 115 ހެކްޓަރުގެ ތެރެއިން 31 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު ތިން ވަނަ ފިޔަވަހީގެ ދަށުންވަނީ 240 ފްލެޓް އަޅާ 72 މީހުން ފްލެޓް ގަނެފަ އެވެ.