އެޕަލް ކުންފުނީގެ އައިފޯންގެ އެންމެ ފަހުގެ ދެ އުފެއްދުން ކަމަށްވާ އައިފޯން 5 އެސްއާއި 5 ސީ މިރޭ ރާއްޖޭގައި ވިއްކަން ފަށާނެ އެވެ.

އައިފޯން ރާއްޖޭގައި މިއަދު ވިއްކަން ފަށާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއަދު ވަނީ އައިފޯންގެ އާ ފޯނު ވިއްކަން ފަށާފަ އެވެ.

ރާއްޖޭގައި ފޯނު ވިއްކާ މަޝްހޫރު ފިހާރަ، އެލް މޯބައިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފިހާރައިން އައިފޯންގެ ފަހުގެ އުފެއްދުންތައް މިރޭގެ ރާއްޖެ ގެންނާނެ ކަމަށާއި އަދި މިރޭ 10 ޖަހާއިރު އައިފޯން 5 އެސް އާއި 5 ސީ އެފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ފޯނުގެ އަގުތަށް އުޅޭނީ ގާތްގަނޑަކަށް 14،000ރ. އާއި 18،000ރ. އާއި ދެމެދުގެ އަގެއްގައި ކަމަށާއި ވިއްކާ އައިފޯން ތަކުން އެއް އަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯނު އަންލޮކް ކުރުމުގެ ބާރު ސީދާ ފޯނުގެ ވެރިފަރާތް ނޫން އެހެން މީހަކަށް ނުލިބޭނެ ގޮތަށް ފިންގާ ޕްރިންޓް ސްކޭނާ އަކާއި އެންމެ ފަހުގެ ޕްރޮސެސާ ކަމަށްވާ އޭ 7 ހިމެނޭ ގޮތަށް އުފައްދާފައިވާ އައިފޯންގެ އެންމެ ފަހުގެ އުފެއްދުން ޑްރީމްސް މޯބައިލްއިން ވިއްކަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.

އެފިހާރައިގެ އިސްވެރިޔާ އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވީ ޑްރީމްސްއިން އައިފޯންގެ އެންމެ ފަހުގެ އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ އަށެއް ޖަހާއިރު ކަމަށާއި އައިފޯން 5 އެސް އާއި 5 ސީ ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 16،793ރ. އަށް ކަމަށެވެ.

އައިފޯންގެ އެންމެ ފަހުގެ އުފެއްދުން މިމަހުގެ 10 ވަނަ ދުވަހު ކެލިފޯނިއާގައި ދައްކާލުމާއި އެކު އެޕަލްގެ އުފެއްދުން ތަކަށް ސަޕޯޓްކުރާ އެތަށް ބަޔަކުވަނީ ވަނީ އައިފޯން 5 އެސް އާއި 5 ސީ މިއަދު ނެރުމަށް ހަމަޖެހިފައި ވާތީ ފޯން ގަތުމަށް ޓަކައި އެއްހަފްތާ ކުރިން ފިހާރަތައް ކައިރީގައި ކިއު ހަދަން ފަށާފަ އެވެ.