އެޕަލް ކުންފުނިން މިމަހު ތައާރަފްކުރި އެޕަލް އައިފޯން 5އެސް އަދި 5ސީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވިއްކަން ފަށައިފި އެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެތަނެއްގެ ގަޑިން ހެނދުނު ގަޑިން 8:00 ގައި އައިފޯން5 އެސް އަދި 5ސީ ވިއްކަން ފަށައިފައިވާ އިރު ނިމުނު ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އައިފޯންގެ ސަޕޯޓަރުން ވަނީ އައިފޯން ވިއްކަން ހަމަޖައްސައިފައިވާ ފިހާރަތަކުގެ ބޭރުގައި ކިޔު ހަދަން ފަށައިފަ އެވެ.

އެގޮތުން 2،700 އަށް ވުރެ ގިނަ މީހުން ވަނީ ލަންޑަންގައި ހުރި އެޕަލްގެ ފިހާރަ ކުރިމަތީގައި ކިޔު ހަދާފަ އެވެ. އަދި ލަންޑަންގައި އެންމެ ފުރަތަން އައިފޯން ލިބުނީ 17 އަހަރުގެ ނޯހް ގްރީން އަށެވެ. ނޯހް ގްރީން ބުނީ އޭނާ ފުރަތަމަ ފޯނު ހޯދަން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފަތިހު ހަތަރެއް ޖެހި އިރުން ފެށިގެން ހުރީ އެޕަލްގެ ސްޓޯރުގެ ބޭރުގައި ޓެންޓް ޖަހައިގެން ކަމަށެވެ

ޑެއިލީ މެއިލް އިން މިއަދު ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ލަންޑަންގެ އެޕަލް ފިހާރައިގެ ބޭރުގައި ކިޔު ހަދާފައިވާ 93 ޕަސެންޓް މީހުން ބޭނުންވަނީ އެޕަލްގެ 5އެސް ގަންނަން ކަމަށެވެ.

އެޕަލް އިން އެންމެފަހުގެ 'ފީޗާސް' ތަކާއި އެކު ނެރެފައިވާ އެއައިފޯން ބާޒާރުގައި ވިއްކަންފެށިތާ 24 ގަޑިއިރު ނުވަނީސް ލިވަޕުލްގައި ހުރި އެޕަލްގެ ސްޓޯރުން އައިފޯން 5އެސް އަދި 5ސީ ގެ ސްޓޮކް ވަނީ ހުސްވެފަ އެވެ.