20 Sep 2013, 16:27
އެޓާނީ ޖެނަރަލް އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން އެގޮތަށް ނިންމީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކުރުމަށް އެދި ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އޭޖީ ތަދައްހުލްވެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް، ޖުމްހޫރީ ޕާޓީއާ އެއްކޮޅަށް ވަކާލާތު ކުރާ ކަމަށް ތުހުމަތުކޮށެވެ.
އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ އާޒިމާ ގެންދަވަނީ ދައުލަތުގެ މުއައްސަސާއަކާއި ދެކޮޅަށް ސިޔާސީ ޕާޓީއަކާ އެއްކޮޅަށް އޭޖީގެ މަގާމްގައި ހުރެ ކޯޓްގައި ވަކާލާތު ކުރަމުން ކަމަށާއި އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.
"މިހާރު ވަނީ އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުކޮށްފަ،" ސަމީރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިހަވަންދޫ ދާއިރާ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެފައި ވަނީ އަންނަ ހަފްތާއަކީ ބަންޑާރަ ނައިބް އާޒިމާ ބޭރުކުރަން ޖެހޭ ހަފްތާ ކަމަށެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުމުގައި ރައްޔިތުން ނިންމާ ނިންމުންތަކަކީ ވޯޓުން ނިންމާ ނިންމުންތަކަކަށް ހެދުމަށާއި އެއީ ކޯޓުން ނިންމާ ނިންމުމަކަށް ހެދުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިގުރާރުވެ، ގަރާރެއް ފާސްކޮށްފައިވެ އެވެ.
އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލެއް މަޖިލީހަށް ވައްދާފައިވާއިރު، ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރަން ނިންމާފައިވާ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނުވަ މެމްބަރުން މަޖިލީހުގައި އެމްޑީޕީއަށް އެއްބާރުލުން ދީފިނަމަ، އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭނެ އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވެ އެވެ. އެއީ 39 މެމްބަރުން ވޯޓެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 34 މެންބަރުންނާއެކު ޑީއާރްޕީ/އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދު 43އަށް އަރާނެ އެވެ. ނަމަވެސް ޑީއާރްޕީގެ މަޖިލިސް ބައެއް މެމްބަރުން އެމްޑީޕިއަކަށް ތާއިދެއް ނުކުރެ އެވެ.