ސުޕްރީމް ކޯޓްގެ ބެންޗައަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

އެމްޑިޕީ އިން މިއަދު ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ސުޕުރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ "ބައެއް ބާވަތުގެ އިލްމު މަދު" ބޭފުޅުން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސުޕުރީމް ކޯޓްގެ ބެންޗަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

"ސުޕުރީމް ކޯޓްގެ ބްންޗުގައި ތިއްބެވި ފަނޑިޔާރުންނަށް ބައެއް ބާވަތުގެ އިލްމު މަދުކަމަށް މިހާރު ބައެއް ކަމާ ބެހޭ މާހިރުން އެބަފާހަގަކުރޭ. އެ ބޭފުޅުންގެ ކިބާގައި ގާނޫނީ ބައެއް ތަޖުރިބާއާއި ބައެއް އިލްމު ނެތް ކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރައްވަމުންދާތީވެ އަޅުގަނޑުމެނަށް ފެނޭ ސުޕުރީމް ކޯޓްގެ ބެންޗްގެ އަދަދު ބަދަލުގެނައުމަށް. އެއީ ފަނޑިޔާރުނާ ބެހޭ ގާނޫނަށް ބަދަލުގެނައުމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސުޕްރީ ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ މި މަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީ ކޯޓަށް ހުށަހެޅި މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށެވެ. އެ ކޯޓުން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނާއި ވޯޓުލީ މީހުންގެ ލިސްޓް އެ ކޯޓަށް ފޮނުވުމަށެވެ.

ނަޝީދު މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވަން ޖެހޭ މެންބަރު ވަރަށް އަވަހަށް ކަނޑއަޅުއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީ ޕާލަމެންޓް މެމްބަރުންގެ ގޮތުގައި މިވަގުތު 34 މެމްބަރުން މަޖިލީހުގައި ތިބި އިރު ޑީއާރްޕީގެ މެމްބަރުންގެ ގޮތުގައި ނުވަ މެމްބަރުން އެބަތިއްބެވެ. ނަމަވެސް ޑިއާރްޕީ ހުރިހާ މެމްބަރުންނެއް އެމްޑީޕީ އަކަށް ތާއީދެއް ނުކުރެ އެވެ.