20 Sep 2013, 15:18
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ތިން ފަހަރެއްގެ މަތިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވަން މަސައްކަތް ކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
އެޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާންއެއްގައި ބުނެފައި ވަނީ އިންތިހާބުގެ ފަހުން ތިން ފަހަރެއްގެ މަތިން ނަޝީދު ތިން ފަހަރެއްގެ މަތިން ގާސިމްގެ ގެކޮޅު މ. މާފަންނުވިލާ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ދެ ބުރުގައި ގާސިމް ގޭގައި ވަޑައިގެން ނޫޅުއްވާތީވެ ބައްދަލު ކުރެވޭ ގޮތް ނުވީކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތީން އޮނަރަބަލް ގާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅު މ. މާފަންނުވިލާއަށް ޒިޔާރަތްކުރައްވާފައި. މީގެ ތެރެއިން ފުރަތަމަ ޒިޔާރަތްކުރެއްވި ދެފަހަރު އޮނަރަބަލް ގާސިމް އިބްރާހީމް ގޭގައި ވަޑައިގެން ނޫޅުއްވާ،" ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
އިއްޔެ ގާސިމްގެ ގެކޮޅަށް ނަޝީދު ޒިޔާރަތްކުރީ ގާސިމް ގޭގައި ވަޑައިގެން އުޅުއްވަނިކޮށް ކަމަށާއި އެދެ ބޭފުޅުންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމާމެދު ނުވަތަ އެމްޑީޕީއާ ޖުމްހޫރީ ގުޅުމުން ކޯލިޝަނެއް ހެދުމާ މެދު އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށް އެޕާޓީ އިން ބުނެފައިވެ އެވެ.
އޭގެ އިތުރުން ގާސިމް އިބްރާހިމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އާއި ބައްދަލުކުރެއްވީ އެހެން ސިޔާސީ ބޭފުޅުންނާއި ވެސް ބައްދަލު ކުރައްވާ އުސޫލްގެ މަތިން ކަމަށެވެ. އަދި މިވީ ދުވަސްކޮޅުގެ ތެރޭގައި، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްގައްޔޫމާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާ ވެސް ގާސިމް ބައްދަލު ކުރައްވައިފައިވާ ކަމަށާއި އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފޯނުން ގުޅުއްވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވައިފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.
އޭގެ އިތުރުން ޖުމްހޫރީޕާޓީ އިން ބުނީ އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމޭ އިރު އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރާނީ ޖުމްހޫރީޕާޓީ އާއި އެމްޑީޕީ ކަމަށެވެ.
"ސުޕްރީމްކޯޓުގައި މިހާރު އޮތް މައްސަލަ ނިމިގެންދާ އިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނެ ދެ ކެންޑިޑޭޓުންނަކީ ގާސިމް އިބްރާހީމާ މުޙައްމަދު ނަޝީދު،" ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
ހަމައެއާއެކު އެޕާޓީއިން އެއްވެސް ސިޔާސީ ޕާޓިއަކާއި ކޯލިޝަން ހަދަން ނުވިސްނާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖޫމްހޫރީޕާޓީއިން މިހެން ބުނެފައިވާ އިރު ދާދިފަހުން ޕީޕީއެމް އިން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުނެފަ އެވެ.