20 Sep 2013, 14:32
މިސްކިތްތައް މަރާމާތު ކުރުމަށާއި މިސްކިތްތައް އެޅުމަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އަންގާފައިވީ ނަމަވެސް އިސްލާހުނުކުރާ ގިނަ ކަންތައްތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އިއްޔެ ނެރެފައިވާ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ މެދު އިސްލާހީ ފިޔަވަޅު އަޅާފައިވާމިންވަރާ ގުޅޭ ގޮތުން ބުނެފައި ވަނީ މިސްކިތްތައް އިމާރާތްކުރުމަށް 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އެޑްވާންސްގެ ފައިސާގެ ގޮތުގައި ދޫކޮށްފައިވާ އެއް މިލިއަން ރުފިޔާ ހޯދާފައިނުވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ފުރުގާން މިސްކިތް އިމާރާތްކުރުމަށް އެޑްވާންސް އަށް ދޫކުރި ތިން ލައްކަ ރުފިޔާ ހޯދާފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ 2007 އާއި 2008 ވަނަ އަހަރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރެވެމުންދާ މިސްކިތްތަކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓިފައި ނުވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ހއ. އުލިގައުމުގައި އިމާރާތްކުރުމަށް ފެއްޓި މިސްކިތަކަށް ބޮޑު ހަރަދެއްކުރުމަށް ފަހު އެ މަސައްކަތް ހުއްޓާލާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އެކަންކަން އިސްލާހުކުރުމަށް އަންގާފައިވީ ނަމަވެސް ގިނަ ކަންކަން އިސްލާހުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަމަށް ވަނީ ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އަޅަފައިކަން އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.