މުޖުތަމައުގައި ހަމަޖެހުމާއި އުފާވެރިކަން ދެމެހެއްޓުމަށް ޓަކައި އަންހެނުންނަށް ހަމަހަމަ އުސޫލްތަކެއް ގާއިމް ކުރެވެން ޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާމާލު އަލީ ވިދާޅުވެއްޖެ އެވެ.

ރޭ އަމީނިއްޔާ ސުކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފެމިލީ އެންޑް ޖެންޑާ މިނިސްޓަރު ޑރ. އާމާލް ވިދާޅުވީ ކުރިއަރަމުންދާ މުޖުތަމައުގައި އަންހެނުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި ފިރިހެން ކުދިންނޭ އެއްފަދައިން އަންހެން ކުދިންނަށް ވެސް ތައުލީމްގެ ފުރުސަތުތައް ހަމަހަމަ އުސޫލްތަކެއްގެ މަތިން ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

ޑރ. އާމާލް ވިދާޅުވީ އެކަމަނާ ކުރިއަށް އޮތް ތާނގައި ދެކެން ބޭނުންވަނީ ރާއްޖޭގެ ކެބިނެޓްގެ 50 ޕަސެންޓް އަންހެނުންނަށް ލިބޭ ދުވަސް ކަމަށެވެ. ހަމައެއާ އެކު އަންހެނުންނަކީ އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ގާބިލް ކަން ތިބި ބައެއް ކަމަށާއި އަމިއްލަ މިނިވަންކަންމަތީ އުޅުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ވެސް ރޭގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވި އެވެ.

އެ ސުކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި 308 ދަރިވަރަކު އިނާމް ހާސިލްކޮށްފައިވެ އެވެ. އަދި އެ ސުކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަމީނިއްޔާގެ ޑެޕިއުޓީ ގޭމްސް ކެޕްޓަންގެ މަގާމު އަދާކުރި ތަމާނަތު އައްޔޫބު އެވެ. ތަމާނަތްވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބިޒްނަސް ސްޓަޑީޒް އިން ދުނިޔޭގެ އެއް ވަނަ އާއި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔޭގެ ދެވަނަ ހޯދައިފަ އެވެ.

ތަމާނަތުގެ އިތުރުން އަމީނިއްޔާ ސުކޫލްގެ އަށް ދަރިވަރަކު ވަނީ މިދިޔަ އަހަރުގެ އޯލެވެލްގައި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފައިވެ އެވެ.