އީދު ބަންދާ ދީމާކޮށް ވައްކަމާއި ފޭރުން ހުއްޓުވުމަށް ފުލުހުން މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ސަބަބުން ކުށްކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ވޭތުވެދިޔަ އަހަރުތަކުގައި ވެސް އީދު ބަންދާ ދިމާކޮށް މާލެއިން އެތައް ބަޔަކު ރަށްރަށަށް ފުރައިގެން ދިއުމާއެކު، މާލޭގައި ވައްކަމާއި ފޭރުން އިތުރު ވަމުންދާތީވެ، އެ ކުށްތައް ހުއްޓުވުމަށްޓަކައި މި އަހަރުގެ އަޟްހާ އީދު ބަންދުގައި މާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ސަބަބުން ކުށްކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އީދު ބަންދުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.


މިއަހަރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ސަބަބުން، އެހެން އަހަރުތަކާ ހިލާފަށް އެތައް ތަނަކުން ކުށްކުރުން މަދުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އެ ކަމުގެ ތަފްސީލެއް އޭނާ ވިދާޅެއް ނުވި އެވެ. އޭނާ ވިދާޅުވީ އެ ކަމާ ބޭހޭ ގޮތުން ތަފްސީލީ ޖަވާބެއް ފަހުން މީޑިއާއަށް ދެއްވާނެ ކަމަށެވެ.


ޖުމްހޫރީ ދުވަހުގެ ބަންދާއި އަޟްހާ އީދުގެ ބަންދާ ދިމާކޮށް މާލެއިން އެތައް ބަޔަކު ތަންނަނަށް ފުރައިގެން ދިޔުމުން ކާރުބާރު ބޮޑު މާލޭގެ މަގުތަކަށް ވަނީ ލުޔެއް ލިބިފަ އެވެ. އަދި ވައްކަން ކުރާ މީހުން އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތް ކުރިޔަސް، ފުލުހުންގެ ހުށިޔާރު ކަމުން އެ މައްސަލަތައް މި އަހަރު މަދުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.