މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ދުންފަތް އެތެރެކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު ހަތް މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

ކަސްޓަމުސް އިން "ސަން" އާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 114 މިލިއަން ރުރިޔާގެ ދުންފަތް އެތެރެކޮށްފަ އެވެ. މިދިޔަ އަހަރު އެމުއްދަތުގައި އެތެރެކޮށްފައި ވަނީ 107 މިލިއަން ރުފިޔާގެ ދުންފަތެވެ.

އެ ތަފާސް ހިސާބްތަކަށް ބަލާ އިރު މިއަހަރުގެ އެމުއްދަތުގައި އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ދުންފަތުގެ ބާވަތަކަށް ވެފައި ވަނީ ސިނގިރޭޓް އެވެ. އެގޮތުން 110 މިލިއަން ރުފިޔާގެ ސިނގިރޭޓް އެ މުއްދަތުގައި އެތެރެކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި އެތެރެކޮށްފައި ވަނީ 102 މިލިއަން ރުފިޔާގެ ސިނގިރޭޓް އެވެ. އަދި މިއަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި 981929ރ.ގެ ޗެވިން ޓޮބައިކޯ ރާއްޖެ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރު އެމުއްދަތުގައި އެތެރެކޮށްފައި ވަނީ އެއް މިލިއަން ރުފިޔާގެ ޗެވިން އެވެ. އަދި މިއަހަރުގެ ހަތް މަސް ދުވަހުގެ ތެރޭގައިވަނީ 997976ރ.ގެ ޗެރޫޓް އާއި 981929ރ.ގެ ޗެވިން ޓޮބައިކޯ ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރު އިތުރުވެފައިވާ އިރު ދުންފަތުގެ އިސްތިއުމާލް ކުރުމާގުޅޭ ގޮތުން ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ވެސް ދަނީ ތަންފީޒް ނުކުރެވެމުންނެވެ. އަދި ދުންފަތުގެ ވަބާގައި ގިނަ އަންހެނުން ޖެއްސުމަށް ދުންފަތް ވިއްކާ ފަރާތްތަކުގެ އަމާޒު ހިފައިފައި ވާތީ އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފި އެވެ.