ކަރަކާސް (ސެޕްޓެމްބަރ 20): ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ، ޗައިނާ އަށް ދަތުރުފުޅު ކުރައްވާ މަތިންދާބޯޓަށް ހުރަސްއަޅައި އެމެރިކާގެ ވައިގެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ އެބޯޓަށް ނުދިނުމަށް އެމެރިކާ ސަރުކާރުން ނިންމުމުން ވެނެޒުއެލާގެ ސަރުކާރުން އެކަން ވަރަށްބޮޑަށް ކުށްވެރިކޮށްފި އެވެ.

ވެނެޒުއެލާގެ ޚާރިޖީ ވުޒާރާ އިން ބުނީ އެމެރިކާގެ މިނިންމުމަކީ ހަރުކަށި އަދި ހަސަދައާއި ނަފްރަތުގެ ނިންމުއް ކަމަށާ މިކަމުގެ ބޭނުމަކީ އެމެރިކާގެ ސިޔާސަތުތަކަށް ވެނެޒުއެލާއިން ފާޑުކިޔާތީ ރައީސް މަދޫރޯއަށް އިހާނާތްކުރުން ކަމުގަ އެވެ. ލެޓިން އެމެރިކާ ސަރަހައްދުގައި ޒަމާނުއްސުރެ އެމެރިކާ ގެންގުޅޭ އަތްގަދަ ކުރުމުގެ ސިޔާސަތުތަކަށް މަދޫރޯއަކީ ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ވެނެޒުއެލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ދުވަސްވަރުން ފެށިގެން ވެސް އެމެރިކާއަކީ ވެނެޒުއެލާއާ މެދު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ގައުމެކެވެ.

ޗައިނާގެ ރައީސް ޗީޖިންގް ޕިންގް ގެ ދަޢުވަތަކަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ބެއިޖިންއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިދަތުރުފުޅުގެ މަޤްސަދަކީ ދެގައުމުގެ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް އިތުރަށް ބަދަހި ކުރުމެވެ. ލެޓިންއެމެރިކާގެ ގައުމުތަކާއެކު ޗައިނާ ސްޓްރެޓީޖިކް ގުޅުންތައް ގާއިމް ކުރަމުން ގެންދިޔުމަކީ އެމެރިކާ ހިންހަމަޖެހޭ ކަމެއްނޫނެވެ.

ވެނެޒުއެލާގެ ޚާރިޖީ ވަޒީރު އިލްޔާސް ޚުވާ ވިދާޅުވީ ގައުމެއްގެ ރައީސަކު ދަތުރުކުރައްވާ މަތިންދާބޯޓަކަށް ހުރަސްއެޅުމަކީ ތަހުޒީބު ގައުމަކުން ކުރާނެ ކަމެއްނޫން ކަމަށާ މިއީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީގެ އުސޫލުތަކާ ވެސް ޚިލާފު ނާތަހުޒީބު އަމަލެއްކަމުގަ އެވެ. އަދި އެމެރިކާގެ ކިބައިން ތަހުޒީބު ގައުމެއްގެ ސުލޫކު ފެނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާ ހުރަސްއެޅި ނަމަވެސް ރައީސް މަދޫރޯ ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށާ އެމެރިކާގެ ވައިގެ ސަރަހައްދުގެ ބޭނުންނުކޮށް ބެއިޖިންގްއަށް ދަތުރުކުރެވޭނެ ގޮތެއް ހޯދަމުންދާކަމަށް ވެސްޚުވާ ވިދާޅުވި އެވެ.

އަނެއްކޮޅުން އދ.ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާތަކުގައި ބައިވެރިވާ ވެނެޒުއެލާގެ ވަފްދުގެ ބައެއް ބޭފުޅުންނަށް ވިސާ ދިނުމަށް ވެސް އެމެރިކާ ދެކޮޅުހަދާފައިވާ ކަމަށް ވެނެޒުއެލާގެ ސަރުކާރުން ބުނެ އެވެ. މިގޮތުން ވެނެޒުއެލާގެ ވަފްދުގައި ބައިވެރިވާ ވަޒީރަކަށާއި ސިފައިންގެ ކޮމާންޑަރަކަށް ވިސާދިނުމަށް އެމެރިކާ ދެކޮޅުހަދާފައިވާ ކަމަށް ވެނެޒުއެލާގެ ޚާރިޖިއްޔާ އިން ބުނެއެވެ.

އެމެރިކާގެ މިޢަމަލުތަކާ ގުޅިގެން ލެޓިން އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ބޮލީވިޔާގެ ރައީސް އިވޯ މޮރަލިސް ވަނީ އެމެރިކާގެ މިޢަމަލުތައް ކުށްވެރިކޮށް ލެޓިން އެމެރިކާގެ ގައުމުތަކުގައި ތިއްބަވާ އެމެރިކާގެ ސަފީރުންނާއި ޑިޕްލޮމޭޓުން އެގައުމުތަކުން ބޭރުކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ލެޓިން އެމެރިކާއާއި ކެރީބިޔަންގެ ގައުމުތަކުގައި ޖަމްޢިއްޔާގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފަ އެވެ. (ބީ.ބީ.ސީ)