20 Sep 2013, 13:59
މަދީނަތުލްމުނައްވަރާ (ސެޕްޓެމްބަރ 20): މި އަހަރުގެ ޙައްޖު މޫސުމުގައި މަދީނާއަށް ޒިޔާރަތްކުރާ ހައްޖުވެރިންގެ ޢަދަދު އިތުރުވަމުންދާ ކަމަށާ މިދިޔަ އަންގާރަ ދުވަހާހަމަ އަށް 167 ހާހަށް ވުރެ ގިނަ ހައްޖާޖީން މަދީނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސައޫދީ އަރަބިޔާ އިން ބުނެފި އެވެ.
ސައޫދީ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި މިއަހަރުގެ ހައްޖުމޫސުމުގައި މަދީނާގެ އަމީރު މުޙައްމަދު ބިން ޢަބްދުލްޢަޒީޒު އެއާޕޯޓް މެދުވެރިކޮށް މިހާތަނަށް އެއްލައްކަ 9 ހާސް 810 ހައްޖާޖީން މަދީނާ އަށް އައިސްފައިވާ ކަމަށާ ދެންތިބި ހައްޖުވެރިން އައިސްފައި ވަނީ އެއްގަމުމަގުންނެވެ. މިއަހަރުގެ ހައްޖު މޫސުން މިހާރު ފެށިފައިވާ އިރު ކޮންމެ ދުވަހަކު ވެސް ސައޫދީ އަރަބިޔާ އަށް 10 ހާހާއި 20 ހާހާ ދެމެދުގެ އަދަދަކަށް ހައްޖުވެރިން އަންނަމުންދާ ކަމަށް ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ މަސްއޫލުވެރިން ވިދާޅުވެ އެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި މިހާތަނަށް އެންމެ ގިނަ ހައްޖުވެރިން އަންނަމުންދަނީ އިންޑޮނީޝިޔާ، އީރާން، އިންޑިޔާ، ޕާކިސްތާން އަދި ތުރުކީ ން ކަމަށާ ނަމަވެސް 150 ގައުމެއްގެ ހައްޖުވެރިން މިހާތަނަށް މުޤައްދަސް ބިންތަކަށް އައިސްފައިވާ ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެ އެވެ. މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ބޮޑުކޮށް ފުޅާކުރުމަށް ޓަކައި ޢިމާރާތް ކުރުމާއި ކޮންސްޓްރަކްޝަންގެ މަސައްކަތް މިއަހަރުގެ ހައްޖު މޫސުމުގައި ކުރިޔަށްދާތީ ކުރީއަހަރުތަކަށްވުރެ މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިން މަދުވާނެ ކަމަށް ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ބުނެ އެވެ.
މިއާއެކު ވެސް މިއަހަރުގެ ހައްޖު މޫސުމުގައި ވެސް ދޮޅުމިލިޔަނަށް ވުރެ ގިނަ ހައްޖުވެރިން މާތްވެގެންވާ މައްކާއާއި މަދީނާގެ މުޤައްދަސް ބިންތަކަށް ޒިޔާރަތް ކުރާނެ ކަމަށް އެވުޒާރާއިން ލަފާކުރެ އެވެ. (ސައޫދީ ނޫސްއެޖެންސީ)