މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 2011 އަހަރު މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވައި އިއްޔެ ނެރެފައިވާ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން 2011 ވަނަ އަހަރު އެމިނިސްޓުރީގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކެއްގެ މާލީ މުއާމަލާތްތައް މާލީ ބަޔާނުގައި ހިމަނުއްވާފައި ނުވުމާއި މާލިއްޔަތު ގަވައިދާ އެއްގޮތަށް މާލީ ބަޔާން ތައްޔާރުކޮށްފައި ނުވާ ކަމަށެވެ. އަދި މާލީ ހިސާބްތައް ރިކޮންސައިލް ނުކޮށް މާލީ ބަޔާން ތައްޔާރު ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތައް ވެސް އެއް އަދަދު އަނެއް އަދަދާއި ދިމާނުވާކަން އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ތަފްސީލް ނޯޓްތަކާއި މާލީ ބަޔާނުގެ މޫނުމަތީ ގައި ބަޔާން ކުރައްވާފައިވާ އަދަދުތައް ދިމާނުވާކަމަށް އެއޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

"އިސްލާމިކް އެފެއާޒް 2011 ވަނަ އަހަރުގެ "ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާން" ގައި މީހުން ދިރިއުޅުން ނޫން ބޭނުންތަކަށް ބިނާކުރާ އިމާރާތްތައް ބިނާކުރުމަށް 20196457ރ. ހަރަދު ކުރެވިފައިވާ ކަމަށް ބަޔާންކުރައްވާފައި ވީނަމަވެސް، މިނިސްޓްރީގެ 2011 ވަނަ އަހަރުގެ" ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހަރަދުކުރެވުނު ފައިސާގެ ގޮތުގައި މިއަދަދު ހިމެނިފައިނުވޭ" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ އެޑްވާންސަށް އަތޮޅުތަކަށް ފޮނުއްވާ ފައިސާގެ ކަންތައްތައް މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓައިފައިނުވާ ކަމަށެވެ. އަދި ހަރަދުކޮށްފައިވާ ފައިސާގެ ތަފްސީލްތައް ހޯދައި މާލީ ހިސާބްތައް އެޖަސްޓް ކޮށްފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

އެރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޓްރަސްޓް ފަންޑްތަކުގެ މާލީ ބަޔާން ތައްޔާރުކޮށް އާންމު ކޮށްފައި ނުވުމާއި ޓުރަސްޓް ފަންޑުތަކުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައިނުވުން ފާހަގަކޮށްފައިވެ އެވެ. އަދި ޒަކާތު ފަންޑުން ނެގި 154392ރ. ހަވާލު ކުރެވޭގޮތްނުވުމުން އަނބުރާ ޖަމާނުކޮށް ތިޖޫރީގައި ބަހައްޓާފައިވާކަން ފާހަގަކޮށްފައިވެ އެވެ. 2011 ވަނަ އަހަރުގެ ނިޔަލަށް ޒަކާތު ފަނޑުގައި ހުރީ 79642998ރ. އެވެ. އަދި މިސްކިތު ފަންޑުގައި 3992651ރ. ހުރިއިރު ވަގުފު ފަންޑުގައި ހުރީ 1064946ރ. އެވެ.

އެ ރިޕޯޓްގައި ވަނީ އެހެން ރިޕޯޓްތަކެކޭ އެއްފަދައިން ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށާއި އެކަންކަމަށް ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާއަރުވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2011 ވަނަ އަހަރު އެ މިނިސްޓްރީން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށް އޮޑިޓް އޮފީހުން ނުދެކޭ ކަމަށެވެ.