އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ ކޯލިޝަނެއްގައި ނުތިބޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރީގެ ރައީސް ނަޝީދާއި މިރޭ ބައްދަލު ކުރެއްވުމާ ގުޅިގެންނެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ އެ ޕާޓީ އަކީ އެއް ވެސް ގޮތަކަށް ނަޝީދަށް ތާއިދު ކުރާނެ ޕާޓީ އެއް ނޫން ކަމަށެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީ އާއި ކޯލިޝަން ހަދާފައިވާ ޕާޓީއެއްގެ ހައިސިއްޔަތުން ގާސިމް އިބްރާހީމް ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބުލް ގާސިމް އިބްރާހީމް ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އަޅުގަނޑުމެންގެ ޕާޓީ އަދާލަތު ޕާޓީން އަދި ޕާޓީގެ މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކޮންމެވެސް ކެންޑިޑޭޓަކަށް ތާއިދު ކުރާނެ ކަމަށާއި އެހެން ނަމަވެސް އެކަން ނިންމާނީ އިންތިހާބާ ގުޅޭ ގޮތުން މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ކަމަށެވެ. އަދި ވިދާޅުވީ އެއް ވެސް ހާލަތެއްގައި އަދާލަތު ޕާޓީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ނުކުރާނެ ކަމަށެވެ.