19 Sep 2013, 23:47
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ ހަތް ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިރު، ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕެއިން އަދި އެންޓި ކެމްޕެއިން ވެސް ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމް އިން މިއަދު ނެރެފައިވާ އިންތިހާބުގެ ފުރަތަމަ ބުރުގެ "އޮބްޒަވޭޝަން ރިޕޯޓް"ގައި ބުނެފައި ވަނީ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ އިރު، އެކަމަށް ބޭނުންވާނެ އެކަށީގެންވާ މާހައުލެއް ގާއިމްކުރެވިފައި އޮތް ކަމަށެވެ.
"ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް އެކަށީގެންވާ މާހައުލެއް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕެއިން ކުރުމާ އެކު، އެންޓި ކެމްޕެއިން ވެސް ކޮށްފައިވޭ" ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށުމާ ހަމައަށް ފާހަގަވި ކަންކަމުގެ ގޮތުގައި އެޗްއާރުސީއެމް އިން ފާހަގަކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ގަވާއިދުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ އިންތިހާބު އޮތް ދުވަހުގެ ކުރީ ދުވަހުގެ (ހުކުރު ދުވަސް) 6:00ގެ ފަހުން ކެމްޕެއިން ކުރުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައި ވަނީ އިންތިހާބުގެ ކުރިއަށް ދިޔަ ގޮތް ރަނގަޅު ކަމަށާއި އިންތިހާބަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން އިދާރީ ގޮތުން ވެފައިވާ ތައްޔާރީތައް "ޖުމްލަ ގޮތެއްގައި ވަރަށް ފުރިހަމަ" ކަމަށެވެ.
ނަމަވެސް ވޯޓު މަރުކަޒުތަކުގައި ތިއްބަވާ އޮފިޝަލުން ކަމާ ބެހޭ ގާނޫނުތަކާ ގަވާއިދުތަކަށް އަހުލުވެރިވެފައި ނުވާތީވެ، އިދާރީ ފިޔަވަޅު އެޅުމުގައި އޮޅުން އަރާ ޖެހިލުންވެފައިވާ ކަން ފާހަގަކުރެވުނު ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.