19 Sep 2013, 21:41
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީގެ އެންމެ ދެ މެމްބަރުންނަށް ދޭން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރީ ބޭޒާރު ވެދާނެތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު ނެރުބު ބަޔާނެއްގައި ޖުމްހޫރީޕާ ޓީން ބުނީ 211000 އަށް ވުރެ ގިނަ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ދިނީ އެންމެ ދެ މެމްބަރުންނަށް ކަމަށެވެ. އަދި އެކަމަށް ދިނީ އެންމެ ދެގަޑި އިރު ކަމަށް ވެސް ބުންޏެވެ.
"ރިޔާސީ އިންތިހާބުގައި ވޯޓްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 211000 އަށް ވުރެ ގިނަ މީހުންގެ ލިސްޓް ދެ ގަޑިއިރުގެ ތެރޭގައި މަތިމަތިން ބަލައިލުމުގެ ފުރުސަތު ޖުމްހޫރީ ގުޅުމުގެ ހަމައެކަނި ދެ މެމްބަރަކަށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މަސައްކަތް ކުރެއްވީ ވޯޓްގައި ހަދާފައިވާ މަކަރުތައް ރަނގަޅަށް ބޭޒާރުވެދާނެތީ ކަމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނާ ބުނުން މިއަދުގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައިވެ އެވެ.
އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ނަތީޖާ ބާތިލުކޮށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ. އަދި ވޯޓާސް ލިސްޓް ދިނުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުގައި އެދިފަ އެވެ.