އެސްޓީއޯއިން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ޕޮލިސް ކްލަބްގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމް ސްޕޮންސާ ކޮށްފި އެވެ.

މިއަދު ހަވީރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި، އެސްޓީއޯއާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި ޕޮލިސް ކްލަބާއެކު އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ދެ އެއްބަސްވުމުގައި ވެސް އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ. ވީއޭއެމްގެ ފަރާތުން އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަޙްމަދު ސޮއިކުރެއްވިއިރު ޕޮލިސް ކްލަބްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކްލަބްގެ ރައީސް ފަރުހާދު ފިކުރީ އެވެ.

އެސްޓީއޯއިން މިއަދު ވީއޭއެމްއާއި ޕޮލިސް ކްލަބާއެކު ސެޕްޓެމްބަރު 2014ގެ ނިޔަލަށް (އެއް އަހަރު ދުވަހުގެ މުއްދަތަށް) ސޮއިކުރި އެއްބަސް ވުމުގެ ދަށުން ގައުމީ ފިރިހެންހެން ޓީމްގެ އޮފިޝަލް ޕާޓްނަރުގެ ގޮތުން އެ ޓީމްގެ ޖާޒީގައި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޓާޗީ" އެއާ ކޮންޑިޝަނާ އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާއިރު ޕޮލިސް ކްލަބްގެ އަންހެން އަދި ފިރިހެން ޓީމްގެ ޖާޒީގައި ހިޓާޗީ އެއާ ކޮންޑިޝަނާ އަދި ރެފްރިޖަރޭޓާ އިސްތިހާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޕޮންސާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ، ވޮލީބޯޅައަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މަގުބޫލްކަމެއް ދީގެން ކުޅޭ ކުޅިވަރުކަމަށް ވާއިރު ގައުމީ ވޮލީބޯޅަ ޓީމާއި ޕޮލިސްކްލަބްގެ ވޮލީބޯޅަ ޓީމުގެ ޖާޒީގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާއި ރެފްރިޖަރޭޓާ އިސްތިހާރު ކުރުމަށް ލިބުނު މި ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނޭ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މިކަމަކީ ރާޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް އެސްޓީއޯއިން ވެދެވޭ ރަނގަޅު އެހީއަކަށް ވެގެންދާނޭ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށެވެ.

އިލްޔާސް އާއި ފަރުހާދު ވިދާޅުވީ އެސްޓީއޯއާ އެކު ވެވުނު އެއްބަސްވުމަކީ އެ ޓީމްތަކަށް ލިބިގެންދިޔަ ވަރަށް ރަނގަޅު އެހީގެ ފުރުސަތެއް ކަމަށާއި އަދި އޭގެ ބަދަލުގައި ހިޓާޗީ ބްރޭންޑް އިސްތިހާރުކުރުމަށް އެ ދެފަރާތުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާނޭ ކަމަށެވެ.