ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

ޗުއްޓީއެއް ހޭދަކޮށްލުމަށް މަރަޑޯނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެމިރޭޓްސް ފްލައިޓެއްގަ އެވެ. އޭނާ ރާއްޖެ އައި ފުލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ 10:00 ޖަހާ އެހާކަންހާއިރު އެވެ.

ޕަޕަރާޒީ ނޫސްވެރިންގެ އުނދަގޫ ބޮޑުވެދާ ނެތީ އޭނާ ޗުއްޓީ ހޭދަ ކުރާ ރިސޯޓުގެ ހާމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފަ އެވެ. "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަރަޑޯނާ ރާއްޖޭގައި ހަފްތާއެއްހާ ދުވަހު ޗުއްޓީ ހޭދަ ކުރާނެ ކަމަށްވެ އެވެ.

މަރަޑޯނާ މިއަދު ރާއްޖެ އައިސްފައިވާއިރު، އިނގިރޭސީ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ވަނީ މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި ޕޯޗުގީޒްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ އާއި ޗެލްސީގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޑިޑިއަ ޑްރޮގްބާ އާއި ނިކޮލަސް އަނެލްކާ ވެސް ވަނީ މިއަހަރު ތެރޭ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ރާއްޖެ މިއަދު އައި މަރަޑޯނާ ވަނީ ބްރެޒިލްގެ ކުރީގެ ތަރި ޕެލޭއާއެކު ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި އޭނޭ ވަނީ ކުޅުން ހުއްޓާލުމަށްފަހު އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފަ އެވެ.

މިހާރު އުމުރުން 52 އަހަރުގެ މަރަޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 91 މެޗު ކުޅެ 31 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްލަބް ލެވެލްގައި އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އާޖެންޓީނާގެ އާޖެންޓީނޯ ޖޫނިއާސް، ނެވެލްސް އޯލްޑް ބޯއީސް، ބޮކަ ޖޫނިއާސް، ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ، އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.

މަރަޑޯނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ އޭނާ އިޓަލީގައި ކުޅެން އުޅުނު ދުވަސްވަރު، މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކޭންއަށް ޕޮސިޓިވް ވުމުގެ ސަބަބުންނެވެ. އެގޮތުމް 1991 ވަނަ އަހަރު މަރަޑޯނާ ވަނީ، 15 މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭގެ ފަހުން 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން އޭނާ ވަނީ އަނބުރައި ގައުމަށް ފޮނުވާލާފަ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފޭނުންގެ މެދުގައި ބަތޮލެއްގެ ނަންދެވި އަދި ވަރަށް ބޮޑަށް ގަދަރު ލިބުނު މަރަޑޯނާގެ ހަޔާތުގައި ދިމާވި ތަފާތު ހާދިސާތަކަށްފަހު އޭނާގެ ވާހަކަ ދުނިޔޭގެ މީޑިއާ ތަކުގައި ތަފާތު ގޮތްގޮތަށް ވަނީ ދެކެވިފަ އެވެ.