މޮސްކޯ (ސެޕްޓެމްބަރ 19): ސޫރިޔާގެ ކެމިކަލް ހަތިޔާރު ނައްތާލުމާބެހޭ ގޮތުން އެމެރިކާ އާއި ރަޝިޔާ ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި އެއެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ސޫރިޔާއާ ދެކޮޅަށް އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި ޢަސްކަރީ ބާރުގެ ބޭނުންކުރުން ހުއްދަކުރާ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުން ނުދޭނެކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިފަދަ ޤަރާރެއް ފާސްކުރުމުގޭ ބޭނުމެއް ނެތް ކަމަށާ އެއްވެސް ގައުމަކަށް ބިރުދެއްކުމަކީ ރަޝިޔާގެ ސިޔާސަތެއްނޫން ކަމުގަ އެވެ. ރަޝިޔާގެ އެއްބާރުލުން ނެތުމާގުޅިގެން މިކަމާ ބެހޭ ގޮތުން ސަލަމާތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނެގޮތްވަނީ ނުވެފަ އެވެ. އެމެރިކާ ވަނީ މިމައްސަލާގައި ރަޝިޔާ އެއްބާރުލުން ނުދިނުމުން ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އަނެއްކޮޅުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ޣޫތާ ސަރަހައްދުގައި މިދިޔަ އޮގަސްޓް މަހުގެ 21ގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިކަމަށާ މިކަމާ ބެހޭ ހެކި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށްބުނެފަ އެވެ. ރަޝިޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީޣޫތާ ސަރަހައްދުގައި ކެމިކަލް ހަތިޔާރުން ޙަމަލާދިނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންކަން ކަށަވަރުވާވަރުގެ ހެކިތައް ލިބިފައިވާ ކަމަށާ އެހެކިތައް ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމުގަ އެވެ. އިދިކޮޅު ހަނގުރާމަވެރިން އެހަމަލާ ދިނީ އެމެރިކާ ފަދަ ބޭރުގެ ބާރުތައް ސޫރިޔާ އަށް އެރުވުމުގެ މަގުސަދުގައި ކަމަށް ވިދާޅުވެ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
ޣޫތާ ސަރަހައްދުގައި މިދިޔަ އޮގަސްޓް މަހުގެ 21ގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ ސޫރިޔާ ސަރުކާރު ކަމަށް އެމެރިކާ ބުނެ އެވެ. ނަމަވެސް އދ.ގެ ތަޙްގީގުތަކުން ހަމަވެފައިވަނީ ކެމިކަލް ހަތިޔާރުގެ ވައްތަރެއް ކަމަށްވާ ސެރިން ގޭހުގެ ޙަމަލާއެއް އެސަރަހައްދިން ކަމުގަ އެވެ. މިކަން ހާމަކުރައްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ ސޫރިޔާގައި ބޭނުންކޮށްފައި ވަނީ ސެރިން ގޭސްކަމަށާ ޣޫތާ ސަރަހައްދުގެ ބިމުން ނެގި ސާންޕަލް ތަކުންނާއި ގޭހުގެ އަސަރު ކުރި މީހުންގެ ލޭގެ ސާންޕަލްތަކުން އެސަރަހައްދަށް ސެރިން ގޭސް އެކުލެވޭ ހަތިޔާރަކުން ޙަމަލާދީފައިވާކަން ކަށަވަރު ވެފައިވާ ކަމުގަ އެވެ. ނަމަވެސް ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ ކޮންފަރާތަކުންކަން ނޭނެގޭ ކަމަށާ އަދި އެކަން ބެލުމަކީ އދ.ގެ ތަހުގީގުތީމުގެ މަސްއޫލިއްޔަތެއް ނޫންކަމަށް ވެސް ބާންކީ މޫން ވިދާޅުވެފައިވެ އެވެ.
ޣޫތާ ސަރަހައްދަށް ކެމިކަލް ޙަމަލާދިންކަމަށް ސޫރިޔާ ސަރުކާރުން އިންކާރުކުރެ އެވެ. އެހަމަލާގައި 1400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. (ނޫސްއެޖެންސީތައް)