ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓާއި ވޯޓުލީ މީހުންގެ ލިސްޓް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް އަންގަވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް އެންގެވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ވޯޓުލީ މީހުންގެ ލިސްޓު ޖުމްހޫރީ ޕާޓީ އަށް ދެއްކުމަށް ހައިކޯޓުން އެ ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ލިސްޓު ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ އެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު އެގޮތަށް ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް އެ ލިސްޓް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ހުކުމަށް ހުރަސްނޭޅޭ ގޮތަށް ކަމަށެވެ. އެއާ އެކު ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އެގޮތަށް އަންގަވާފައި ވާތީ އެ ލިސްޓް އެ ޕާޓީ އަށް ނުދެއްކިއަސް މައްސަލައެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވެސް ވަނީ ވޯޓުލީ މީހުންގެ ލިސްޓް އެ ޕާޓީ އަށް ނުދެއްކިއަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. ހަސަން ސައީދު ކުރެއްވި ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ ޖަވާބުދެއްވާފަ އެވެ.

ހަސަން ސައީދުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފުވާދު ވިދާޅުވީ އިންޑިއާގެ އައިޓީ ކޮންސަލްޓަންޓުން ރިޔާސީ އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެ މީހުން މަސައްކަތް ކޮށްފައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ބޭނުންވާ ސޮފްޓްވެއާ ތައްޔާރު ކުރުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ސާވާ ހެކްކުރުމަށް ބަޔަކު އުޅޭކަމުގެ މައުލޫމާތު ޕޮލިސް އިންޓެލިޖެންސަށް ލިބިގެން ފުލުހުން އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން ޕޮލިސް އިންޓަލިޖެންސްގެ އައިޓީ ބޭފުޅުންނާއި އެ ކޮމިޝަންގެ މެންބަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ވޯޓު ކަރުދާސް ޕްރިންޓް ކުރި ގޮތާ ގުޅޭ ގޮތުން ހަސަން ކުރެއްވި ސުވާލުގެ ޖަވާބުގައި ފުވާދު ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓު މެދުވެރިކޮށް ކަމަށާއި ޕްރިންޓް ކުރި ވަގުތު ޗާޕްޚާނާގައި ހަރަކާތްތެރިވެފައި ވަނީ އިތުބާރު ހިފޭ ނޮވެލްޓީ ޕްރިންޓްގެ މުވައްޒަފުން ކަމަށެވެ.

ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިނުވާކަން ޔަގީންވާ ކަމަށާއި ޗާޕްކުރުމަށް ފަހު ސެކިއުރިޓީ ފީޗާސް ހުރިތޯ ޗެކްކޮށްފައިވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ވޯޓުލީ މީހުންގެ ލިސްޓުގައި 18 އަހަރު ނުފުރޭ މީހެއްގެ ނަން އޮތުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށާއި އެއީ ބުއްދި ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ފުވާދު ތައުފީގު އާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވެސް ވަނީ ޖަވާބުދެއްވާފަ އެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރި ހުކުމްގައި ފާހަގަކޮށްފައިވާ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާނެތޯ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ދެންނެވުމުން އަލީ މުހައްމަދު މަނިކު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް އަމަލުކުރައްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބާއްވާފައި ވަނީ އެ ހުކުމުގައި ބުނެފައިވާ ފަދައިން ނަޒާހަތްތެރިކަމާ އެކު ކަމަށެވެ.

އަލީ މުހައްމަދު މަނިކު އެގޮތަށް ވިދާޅުވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރެއްވި ދައުވާގައި ބުނެފައި ވަނީ އިންތިޚާބު ބޭއްވުމުގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައި ނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް އެ ޕާޓީން އެދިފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ވަކީލު ސުއޫދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނަގާނެ އުސޫލެއް ނޯންނަ ކަމަށެވެ. އެހެންކަމުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.