ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ އަނިޔާވެރި އަމަލުގައި އެމްޑީޕީން އެއްވެސް މިންވަރަކަށް ޝާމިލްވެފައި ނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖަމްޢިއްޔަތުލް ސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ކުރީ ރޭ ބޭއްވި ޖަލްސާގައި އެ ޖަމްޢިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި އައްޝައިޚް އާދަމް ޝަމީމްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ޖަރީމާގައި އެ ޕާޓީގެ ބައިވެރިވުމެއް ހިމެނޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ގޮތަކަށް މަދަނީ ޖަމިއްޔާއަކުން އަމަލު ކުރުމަކީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަނިޔާވެރި ޢަމަލުގައި މި ޕާޓީން އެއްވެސް މިންވަރަކަށް ޝާމިލުވެފައިނުވާނެކަން ސާބިތުކަމާ އެކު ދަންނަވަމެވެ. މިފަދަ ހިތާމަވެރި ޖަރީމާއެއް ދީނުގެ ނަމުގައި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީނެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހެންވޭރު ލޮބީ ހުސައިން ހުމާމާއި ހެންވޭރު ހިކޯސްޓް އަލީ ޝާން ވަނީ ހައްޔަރުކޮށްފަ އެވެ.