19 Sep 2013, 14:43
މަޖިލިސް އަވަހަށް ފެށުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ އުސޫލުތައް މުގުރާލައި ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައިވާ ކަމަށް ފެންނާތީ ގާނޫނު އަސާސީ މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަށް ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުމުން ކަމަށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް، މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް 29 މެންބަރަކު ސޮއި ކުރައްވައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އިއްޔެ ސިޓީ ފޮނުއްވާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެންބަރުން ސޮއި ބޭނުންވެ އެވެ. މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ 26 މެންބަރުނެވެ. އެ މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވަންޖެހޭނެ ކަމަށާއި 14 ދުވަސް ވެސް ގުނާނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ދަނީ ޑިމޮކުރެކްޓިކް އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެފަދަ ގޮތަކަށް ކަންތައްތައް ރާއްޖޭގައި ހިނގަމުންދާތީ މަޖިލިސް ފެށުމަށް އެދި މަޖިލިސް ރައީސަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ޑީއާރްޕީ ވަނީ ތާއިދު ކޮށްފަ އެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އިއްޔެ ވިދާޅުވީ އެ ޕާޓީން އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއިދު ކުރަން ޖެހުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ބަޔަކު މީހުން "އެއްވެސް ހެއްކެއް ނެތި" ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ގައުމުގެ ހަމަޖެހުމާ އަމާންކަމަށްޓަކައި ރައްޔިތުންގެ މަޖިލިސް އަވަހަށް ފަށައި އެކަންތައްތައް ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމެޓީތަކުން ބެލުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ތަސްމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާއެއް އަވަހަށް ބޭއްވުމަށް ދެކޮޅު ނުހައްދަވާ ކަމަށާއި އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ގުޅުން ހުރި މައްސަލަތައް މަޖިލީހުގެ ތެރެއިން ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކިތަންމެ އަވަހަށް މަޖިލީހުގެ ޖަލްސާ އެއް ބޭއްވިޔަސް އެ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވާނެ ކަމަށް ޔާމިން ވިދާޅުވެފައިވެ އެވެ.