19 Sep 2013, 14:38
ކޮންމެ އިންތިހާބެއްގައި ވެސް ބަލިވާ ބަޔަކު ތިބޭނެ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ޑޮން މެކެނަން ވިދާޅުވެއްޖެ އެވެ.
ޑޮން މެކެނަން ވިދާޅުވި ކަމަށް ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބު ކާމިޔާބު ކުރި ބަޔަކަށް ވާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.
"ކޮންމެ އިންތިހާބެއްގައި ވެސް، އަބަދުވެސް ބަލިވާ ބަޔަކު ތިބޭނެ، އެކަމަކު މިއިންތިހާބު ކާމިޔާބު ކުރާ ބަޔަކަށް ވާން ޖެހޭނީ ދިވެހިރާއްޖޭގެ ރައްޔިތުން،" މެކެނަން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީގެ ރޫހާއި މަގުސަދަށް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް މެކެނަން ވަނީ ގޮވާލައްވާފަ އެވެ.
ކުރިން ހަމަޖެހިފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް ބައިނަލް އަގުވާމީ މުޖުތަމައު ބޭނުންވާ ކަމަށް ވެސް މެކެނަން ވިދާޅުވެފައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައިނަލް އަގުވާމީ އޮބްޒާވަރުންނަށް ފެނިފައިވާ ރަނގަޅު ކަންތައްތަކާ މެދު އުފާކުރައްވާ ކަމަށެވެ.
"ގައުމީ އަދި ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް، އޭގެ ތެރޭގައި ކޮމަންވެލްތު އޮބްޒާވާ ގްރޫޕް ވެސް ހިމެނޭ ގޮތުން ފެނިފައިވާ ރަނގަޅު ކަންތައްތަކާ މެދު އަޅުގަނޑު އުފާވި." މެކެނަން ވިދާޅުވެފައިވެ އެވެ.