19 Sep 2013, 14:34
އަރަބިއްޔާ ސްކޫލްގެ ލެބޯޓްރީން ކެމިކަލް ފުޅިތަކެއް ތަޅައިގެންގޮސް ކެމިކަލް ލީކުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ މެންދަމު 12:00 ޖަހާއެހާކަންހާއިރު އެ ހާދިސާ ހިނގީ ލެބޯޓުރީ ސާފުކުރަން އުޅުމުގެތެރޭގައި ކެމިކަލް އަޅައިފައި ހުރި ހަތަރު ފުޅިއެއް ވެއްޓި ތަޅައިގެން ދިއުމާ ގުޅިގެން ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އަރަބިއްޔާ ސްކޫލުގެ ބަހެއް ހޯދުމަށް ތަކުރާރްކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުނުދޭތީ އެ ސްކޫލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްއެންޑިއެފްއިން ބުނީ ތަޅައިގެން ދިޔަ ފުޅިތައް ނަގައި ކެމިކަލްތައް ސާފުކޮށްދީފައިވާ ކަމަށާއ ފުޅިތައް ތަޅައިގެން ދިއުމުގެ ސަބަބުން ކެމިކަލް ލީކުވި ފުޅިތައް ކަޅުތުއްކަލާ ކޮށްޓަށް ގެންގޮސް ނައްތާލާފައިވާ ކަމަށެވެ.
ރާއްޖޭގައި ހަމައެކަނި އަރަބި ތައުލީމުދޭ ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދެވެ.