19 Sep 2013, 14:22
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި އަށް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަފްގާނިސްތާންގެ ކީޕަރު މަންސޫރު ފަގީރްޔާރަށް އެ ގައުމުގެ ދެ ވަނަ އަށް އެންމެ މަތީ ޝަރަފު ދީފި އެވެ. އަދި އަފްގާންގެ ގާނޫނު ހަދާ މަޖިލީހުންގެ މެމްބަރުންގެ ތިން ދުވަހުގެ މުސާރަ ޓީމަށް ހަދިޔާކޮށްފައިވެ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޗެމްޕިއަން އަފްގާން ޓީމުގެ ކީޕަރަށް "މިރް މަސްޖިދީ ޚާން މެޑަލް" ދެއްވީ އެ ގައުމުގެ ރައީސް ހާމިދު ކަރުޒާއީ އެވެ. އަދި ކަޒުޒާއީ ވަނީ އޭނާގެ އަމިއްލަ ޖީބުން މަންސޫރަށް އިނާމެއްގެ ގޮތުން 20،000 ޑޮލަރު ދީފަ އެވެ.
ޖަރުމަނުގެ ކުލަބެއް ކަމަށްވާ ވީއެފްބީ އޯލްޑަން ބާގަށް ކުޅޭ އުމުރުން 27 އަހަރުގެ ގޯލް ކީޕަރު ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، މުބާރާތުގެ ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ނޭޕާލްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ހުށިޔާރު ކަމާ އެކު ނޭޕާލުން އަފްޣާން ކޮޅަށް އުފެއްދި އެތައް ހަމަލާއެއް ދިފާއުކޮށް އަދި އެ މެޗުގައި ނޭޕާލަށް ލިބުނު ޕެނަލްޓީ ދެ ފަހަރު މަތަކޮށްފައިވެ އެވެ. އަދި ހަމަ އެހެންމެ ފައިނަލް މެޗުގައި އިންޑިއާ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސް އޭނާ ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްގާނިސްތާން ޓީމު މުބާރާތުގެ ތައްޓާއެކު ވެރިރަށް ކާބުލް އަށް ދިއުމުން ޓީމަށް މަރުހަބާ ކިޔާފައި ވަނީ ވެސް އެ ގައުމުގެ ރައީސް ކަރްޒާއީ އެވެ. ތާލިބާނުންގެ ވެރިކަން އަފްޣާނިސްތާނުގައި އޮތްއިރު އެ ގައުމުގައި އާއްމުކޮށް ކުޅިވަރުތައް ކުޅެހެދުމަކީ ކުރެވޭ ކަމެއް ނޫނެވެ. ގިނަ ކުޅިވަރުތައް ކުޅުން އެއްކޮށް މަނާކޮށްފައި އޮތް ނަމަވެސް، އޭރުވެސް އެގައުމުގައި ފުޓްބޯޅަ ކުޅުމުގެ ހުއްދަ އޮންނަ ކަމަށްވެ އެވެ. އެކަމަކު މެޗުތައް ކުޅެން ހަމަޖެހިފައިވާ ނޭޝަނަލް ސްޓޭޑިއަމްގައި މެޗު ފެށުމުގެ ކުރިން އޮންނަނީ، މެރުމަށް ހުކުމް ކޮށްފައިތިބޭ މީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރުމެވެ.
އަފްޣާނިސްތާންގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް އާމްދަނީއަށް ގާތްގަނޑަކަށް ދުވާލަކަށް ނުވަ ޑޮލަރު ލިބޭއިރު އެ ގައުމުގެ ސަރުކާރުން ވަނީ މުބާރާތް ކާމިޔާބު ކުރި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އާ އެޕާޓްމަންޓެއް ދޭނޭ ކަމަށް ވައުދުވެފަ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 10 ލަނޑު ކާމިޔާބުކޮށްގެން ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ޖުމްލަ 18 ލަނޑު ހަމަކޮށްގެން ދަގަނޑޭ ވަނީ، އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެއް ވެސް ގާއިމްކޮށްފަ އެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ، ނޭޕާލުގެ ގައުމީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން އަފްޣާނަށް އިނާމުގެ ގޮތުގައި 50،000 ޑޮލަރު ލިބިފައިވާއިރު، ރަނަރަޕް އިންޑިއާއަށް 25،000 ޑޮލަރު އަދި ސެމީ ފައިނަލްގައި ކުޅުނު ރާއްޖެއާއި ނޭޕާލް، ކޮންމެ ޓީމަކަށް 10،000 ޑޮލަރު ސާފުން ދީފައިވެ އެވެ.