ރާއްޖޭގައި މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ މެދު އިތުބާރު ގެއްލޭ ފަދަ ތުހުމަތުތައް ނުކުރުމަށް ރާއްޖޭގެ އަމިއްލަ ޖަމުއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގެ ދުވަހުގެ ކަންކަމާއި މަރުހަލާތަކާ މެދު ތުހުމަތު ކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

"ސާބިތު ހިފޭ ހަރުދަނާ ހެކި ނެތި، އިންތިހާބުގެ ދުވަހުގެ ކަންކަމާއި މަރުހަލާތަކާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލޭ ފަދަ ތުހުމަތު ކުރުމުން ދުރުހެލިވުމަށާއި، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިސްޓަމެޓިކްކޮށް އޮބްޒަވޭޝަނެއް ހިންގި ހަމައެކަނި ފަރާތަކީ އެ ޖަމިއްޔާ ކަމަށެވެ. އަދި އެ އޮބްޒަވޭޝަނުން ފާހަގަ ކުރެވުނު ކަމަށް ބުނާ ކަންތައްތަކެއް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެކަކު ދެފަހަރު ވޯޓްލާފައިވާ ކަމަށް އެޖަމިއްޔާގެ އެއްވެސް އޮބްޒާވަރަކު ރިޕޯޓްކޮށްފައި ނުވާ ކަމާއި ވޯޓްލީކަން ފާހަގަކުރުމަށް ބޭނުންކުރާ ދެލި އެއްކޮށް ފުހެވުނު ކަމަށް ރިޕޯޓް ނުކުރާ ކަމަށް ބުނެފައިވެ އެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިންތިހާބާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލައެއްގެ ޝަރީއަތް ފަށާފައި ވަނިކޮށެވެ.