ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ 91 ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ތިން އެތުލީޓުން ހަ އިވެންޓްގައި ވާދަކޮށްފި އެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަފާ އިސްމާއީލް ވާދަކޮށްފައި ވަނީ އަންހެނުންގެ 200 މީޓަރު ދުވުމުގަ އެވެ. މި ދުވުން އަފާ ނިންމާފައި ވަނީ 26.47ސިކުންތުންނެވެ. މިއީ އޮގަސްޓް މަހު މޮސްކޯގައި އަފާ ދުވުނު ޓައިމިން އަށް ވުރެ 0.31ސިކުންތު ލަސް ވަގުތެކެވެ. އަދި 400 މީޓަރު އަންހެނުންގެ ދުވުމުގައި އަފާ ވާދަކޮށްފައިވެ އެވެ. އެ ރޭސް އޭނަ ނިންމާފައި ވަނީ 1މިނިޓް 4.35ސިކުންތުންނެވެ. މިއީ އަފާގެ ޕާސަނަލް ބެސްޓެވެ.

މުބާރާތުގައި ވާދަކުރި ޝިފާޒް މުހައްމަދު ވާދަކުރީ ފިރިހެނުންގެ 5000 މީޓަރު ދުވުމުގަ އެވެ. ރޭސް އޭނާ ނިންމާފައި ވަނީ 17މިނިޓް 15.07 ސިކުންތުންނެވެ. މިއީ ޝިފާޒްގެ ޕަރސަނަލް ބެސްޓެވެ. އަދި ފިރހެނުންގެ 1500 މީޓަރު ގައި ޝިފާޒް ދުވުމުގަ އެވެ. އެ ރޭސް އޭނާ ނިންމާފައި ވަނީ 4މިނިޓް 20.07ސިކުންތުންނެވެ. މިއީ މިއަހަރު ޝިފާޒް 1500 މީޓަރު ދުވުނު އެންމެ ބާރު ވަގުތެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަހުމަދު ހަސަން ވާދަކޮށްފައި ވަނީ ފިރިހެނުންގެ 800 މީޓަރު ދުވުމުގަ އެވެ. އެ ރޭސް އޭނާ ނިންމާފައި ވަނީ ޕާސަނަލް ބެސްޓަކާއެކު 2މިނިޓް 1.01ސިކުންތުންނެވެ. އަދި ފިރިހެނުންގެ 1500 މީޓާރު ދުވުމުގައި އޭނާ ވާދަކޮށް އެ އިވެންޓުން ވެސް ޕާސަނަލް ބެސްޓަކާއެކު ހަސަން ރޭސް ނިންމާފައި ވަނީ 4މިނިޓް 16.22ސިކުންތުންނެވެ.