19 Sep 2013, 13:44
އަންނަ އަޟުހާ އީދު ދުވަހާ ގުޅިގެން އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެއިން 5،000 އަކަފޫޓުގެ ބިމެއް ދޭން ނިންމާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރުގެ ނައިބު އަލީ ސޯލިހު ވިދާޅުވީ އުޟުހިޔާ ކަތިލަން ބޭނުންވާ ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަން ނިންމާފައި ވަނީ ހިލޭ ކަމަށެވެ.
"އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް އަންނަ އާދީއްތަ ދުވަހު ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން ނިންމާފައި ވަނީ ހުއްދަ ނަގައިގެން ބަކަރި އެތެރެކުރާ ފަރާތްތަކަށް އެތަނުގައި އުޟުހިޔާ ކަތިލަން ފުރުސަތު ދޭން،" އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ މާލެ ސަރަހައްދުގައި ބަކަރި ގެންގުޅުމުގެ ހުއްދަ މީގެ ކުރިން ތިލަފުށީގައި ދީފައި އޮތް ނަމަވެސް އެ ހުއްދަ ބާތިލުކުރުމުން ބަކަރި ނުގެންގުޅޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މިފަދަ ހާއްސަ މުނާސަބަތާ ގުޅިގެން އެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށްދޭން. މިފަހަރު އަޅުގަނޑުމެން ގަސްދުކުރަނީ ހިލޭ ބިން ދޭން." އޭނާ ވިދާޅުވި އެވެ.