19 Sep 2013, 13:33
ސ. ހެރެތެރޭގައި ހިންގާ ރިސޯޓް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިއްކާލުން އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑުން އަލުން ބަލަން ފަށައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކު މިއަދު ވިދާޅުވީ ސަރުކާރުން އައްޔަން ކުރެއްވި ޑިރެކްޓަރުން ބޭނުން ވަނީ އެ ރިސޯޓް ވިއްކާލުމުގެ ކަންތައްތައް ކުރިޔަށް ގޮސްފައިވާ ގޮތް އަލުން ބެލުމަށް ކަމަށެވެ.
"އެ ބޭފުޅުން ބޭނުންވޭ ރިސޯޓް ވިއްކާލުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔަ ގޮތް ރިވިއުކުރަން. އެކަންތައް ބެލުމަށް ފަހު ވިއްކުމުގެ ޕްރޮސެސް ނިންމާލާނީ. މިހާރު އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ އެ ބޭފުޅުންގެ ވިސްނުން ހުރި ގޮތެއް،" އޭނާ ވިދާޅުވި އެވެ.
އެ ޑިރެކްޓަރު ވިދާޅުވީ ޗަންޕާ ހުސެއިން އަފީފް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓަށް ރިސޯޓް ވިއްކާލަން ކުރީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ ރިސޯޓް ވިއްކާލުން ލަސްވަނީ ވެރި ފަރާތް ބަދަލުކުރަން އެދުމުން ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިސޯޓް ގަންނަ ފަރާތުން އޮތީ އެ ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއެއް ސަރުކާރަށް ދޭން ތައްޔާރަށް. ނަމަވެސް މުޅި ޕްރޮސެސް ނުނިމި ލަސްވަނީ ބޯޑުން އެކަން ރިވިއުކުރާތީ،" އެ ޑިރެކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވުމުން ރިސޯޓް ވިއްކާލުމުގެ ކަންތައްތައް އެހާ އަވަހަށް ނިމިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ ކުރީގެ ޑިރެކްޓަރުންގެ ބޯޑުން ރިސޯޓް ވިއްކާލުމުގެ އެގްރިމަންޓްގައި ސޮއިކުރަން ހުއްދަދީފައިވާ ކަމަށެވެ. ނަމަވެސް ބޯޑު ބަދަލުވުމާ ގުޅިގެން އަލުން އެގްރިމަންޓްގައި ސޮއިކުރާނެ ފަރާތެއް އަދި ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީގެ މި އަހަރުގެ ދެވަނަ ކުއާޓަ ރިޕޯޓުގައިވާ ގޮތުން ހިއްސާއަކަށް 0.33 (5.8ރގެ) ޑޮލަރުގެ ގެއްލުމެއް ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކުން ހިއްސާއަކަށް 0.06 (92 ލާރީގެ) ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފަ އެވެ. އޭރު ފައިދާ ލިބިފައި ވަނީ ކްލަބްފަރު ހިންގައިގެންނެވެ.
އެމްޓީޑީސީގެ މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް 4.3 (66.3 މިލިއަން ރުފިޔާ) މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު އެއް މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފަ އެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ވަނީ ހެރެތެރެއިންނެވެ.
އެ ކުންފުނިން ކުރިން ބުނީ ހެރެތެރެ ރިސޯޓް 30 މިލިއަން ޑޮލަރަށް (462.6 މިލިއަން ރުފިޔާ) ވިއްކާލަން ނިންމީ ޓުއަ އޮޕަރޭޓަރުން ބޭނުންވާ ފެންވަރަށް ރިސޯޓް ހިންގުމަށް ބޭނުންވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ލިބެން ނެތުމުން ކަމަށެވެ.