19 Sep 2013, 13:14
ގައުމެއްގެ ކުރިއެރުމަށް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން އިސްލާމީ ތައުލީމަކީ ކޮންމެ ދަރިވަރަކަށް ވެސް ލިބެން ޖެހޭ ތައުލީމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހަމައެކަނި އަރަބި ތައުލީމުދޭ ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވުމަށް އެ ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ގައުމުގެ އިޖްތިމާއި ފޭރާން ވަރުގަދަކުރުމަށާއި ރިވެތި އަހުލާގީ މިންގަނޑުތައް ގާއިމުކޮށް އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން އިސްލާމީ ތަރުބިއްޔަތަކީ ދިވެހި ކޮންމެ ދަރިވަރަކަށް ވެސް ލިބެން ޖެހޭ ތަރުބިއްޔަތެއް ކަމަށެވެ.
އަދި މިހާރުގެ މުޖުތަމައުން ފެންނަމުން މިދަނީ މުޖުތަމައު ބައިބައިވެ، ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްދީ ބައިބަޔަށް ބެހިގެންދާ ތަންކަމަށާއި އެކިކަންކަމުގައި މަކަރާއި ދޮގު ހެދުމާއި ބުނާ ބަހުގައި ނުހިފެހެއްޓުމާއި ވައުދުތަކާއި ހިލާފުވުމާއި ނެތިމޮށުމާއި ފުރައްސާކުރުން ވެސް މިހާރު އާއްމުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އިޖްތިމާއީ ފޭރާން ނިކަމެތިވެ މުޖުތަމައު ހަލާކުވެގެންދާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންތައްތައް ރަނގަޅުކުރުމަށް ޓަކައި އިސްލާމީ މައިނގަޑުގެ ދަށުން ކުރަން ޖެހޭ އެތައް ކަމެއް އެބަ ހުރި ކަމަށާއި އެގޮތުން ދަރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމަށާއި ލޯބިވެތިވުމަށާއި މައިންބަފައިންނަށާއި ދަރިންނަށް އަޅާލާން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ އަރަބި އިސްލާމީ ތައުލީމުދޭ ހަމައެކަނި ސްކޫލުކަމުން މިއީ ވަރަށް ހާއްސަ ސްކޫލެއް ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ބާވެ، ހަލާކުވުމާ ގުޅިގެން އާ އިމާރާތެއް އަޅުއްވައިދެއްވުމަށް ކުރީގެ ސަރުކާރުން ކުރެއްވި މަސައްކަތަށް ރައީސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ ތައުފީގަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދާއި އަރަބިއްޔާ ސްކޫލުގެ މުދީރު އައްޝައިޙް މުހައްމަދު ރަޝީދު އިބްރާހިމު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ އަރަބިއްޔާގެ ދަރިވަރުންގެ މަޖައްލާ "މަންހަލް"ވެސް ރަސްމީކޮށް ނެރެދެއްވާފަ އެވެ.