19 Sep 2013, 13:07
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ ފްރާންސްގެ އޮލިމްޕިކް މާސޭ އަތުން 2-1 އިން މެޗު ކާމިޔާބުކޮށް އާސެނަލް ފެށުން ރަނގަޅު ކޮށްފި އެވެ.
ރޭގެ މެޗުގައި އާސެނަލް އަށް ލަނޑު ޖަހައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި ތިއޯ ވޮލްކަޓް އަދި 84 ވަނަ މިނިޓްގައި އާރޮން ރަމްސޭ އެވެ. ރޭގެ މޮޅާއެކު މިސީޒަންގައި ޖެހިޖެހިގެން ހަމަ މޮޅު އެޓީމަށް ލިބިފައިވާއިރު، މިދިޔަ ސީޒަންގެ ޗެމްޕިއަން ބަޔާން މިޔުނިގެ ދަނޑުގައި އެޓީމު އަތުން މޮޅުވި ފަހުން ރަށުންބޭރުގައި ޖެހިޖެހިގެން އާސެނަލް މޮޅުވި މިއީ 10 ވަނަ މެޗެވެ.
މެޗުގައި މާސޭ ޖެހި ހަމަ އެކަނި ލަނޑު މެޗުގެ ނިމެކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޖޯޑަން އަޔޫ އެވެ.
މިސީޒަންގައި އާރޮން ރަމްސޭ އާސެނަލްއަށް ކުޅުނު ހަތް މެޗުގައި ޖުމުލަ ހަ ލަނޑު ޖަހާފައިވާއިރު އާސެނަލްގެ ކޯޗް އާސީން ވެންގާ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"ހަމަ ތެދެއް މިބުނީ، އަހަރެން އެއްގޮތަކަށްވެސް އުއްމީދެއް ނުކުރަން އޭނަ އެހާގިނަ ގޯލްތަކެއް ޖަހާކަށް. އެކަމަކު އޭނާ އެވަނީ ޓެކްނިކަލް ގޮތުންނާއި ޕާސިން ކޮލިޓީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި،" ރަމްސޭއާ ބެހޭގޮތުން ވެންގާ ބުންޏެވެ.
ގްރޫޕް އެފްގައި ރޭ ކުޅުނު އަނެއް މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން އަމިއްލަ ދަނޑުގައި ކުޅެ އިޓަލީގެ ނަޕޯލީ މޮޅުވީ 2-1 އިންނެވެ.
ރޭގެ މެޗުގައި ނަޕޯލީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެއާލްއިން އެޓީމަށް ބަދަލުވި އާޖެންޓީނާ ތަރި ގޮންޒާލޯ ހިގުއައިން އެވެ. އެ ލަނޑާއެކު ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ހަތަރުވަނަ އޮފިޝަލާ ޒުވާބުކުރުމުގެ ސަބަބުން ޑޯޓްމަންޑްގެ ކޯޗު ޔަގަން ކްލޮޕް ދަނޑުން ފޮނުވާލާފައިވާއިރު ފުރަތަމަ ހާފް ނިމެނިކޮށް ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން އެޓީމުގެ ގޯލް ކީޕަރު ރޯމަން ވެއިޑަންފެލާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
"އަހަރެން ދަނޑުން ފޮނުވާލަން ޖެހުމުގެ ޒިންމާ އަހަރެން ނަގަން. އެއީ އަހަންނަށް ހެދުނު ގޯހެއް،" ކްލޮޕް ބުންޏެވެ. "ލީޕަރަށް ރަތްކާޑެއް ނުދައްކައި އަހަންނަށްވެސް ބެންޗުގައި ހުރެވުނު ނަމަ ނަތީޖާ ރަނގަޅު ކުރެވުނީސް."
މެޗުގެ ދެވަނަ ހާފްގައި ނަޕޯލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިގްނޭއެވެ. އެ މެޗުގައި ޑޯޓްމަންޑަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ލަނޑަކީ މެޗު ނިމެނިކޮށް ނަޕޯލީގެ ހުއާން ކަމީލިއޯ ޒުނިގާ އަތުން ބައިކޮޅަށް ވަނތް ލަނޑެކެވެ.