ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރު ނައްތާލުމަށް އެއް އަހަރު ދުވަސް ހޭދަވާނެ ކަމަށާއި އެ ކަމަށް ބިލިޔަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަސަދު ވިދާޅުވެފައި ވަނީ ކެމިކަލް ހަތިޔާރުތައް ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަހަރެންނަށް ހީވަނީ އެއީ ޓެކްނިކަލް ގޮތުން ވަރަށް ކަންތައް ބޮޑު އޮޕަރޭޝަނަކަށް ވާނެހެން، ވަރަށް ގިނަ ފައިސާ ބޭނުންވާނެ، ގާތްގަނގަނޑަކަށް ބިލިޔަނެއް،" ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުގައި އަސަދު ވިދާޅުވެފައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ އެ ކަމަށް އަހަރެއް ނުވަތައެއަށް ވުރެ ދިގު މުއްދަތެއް ހޭދަ ވެދާނެ ކަމަށެވެ.

ސޫރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ގެންގުޅޭ ކަމަށް އިންޓަވިއުގައި އިއުތިރާފުވެވަޑައިގެންނެވި ނަމަ ވެސް އާއްމުންނާ ދެކޮޅަށް އެފަދަ ހަތިޔާރު ބޭނުންކުރި ކަމަށް އަސަދު ވަނީ އިންކާރު ކުރައްވާފަ އެވެ.

"ޓެރަރިސްޓް ގްރޫޕްތަކުން ސެރިން ގޭސް ބޭނުންކުރި ކަމުގެ ހެކި އަހަރެމެން އަތުގައި އެބަހުރި. އަހަރެމެން އެއްވެސް ކެމިކަލް ހަތިޔާރެއް ބޭނުމެއް ނުކުރަން،" އޭނާ ވިދާޅުވެފައިވެ އެވެ.

ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ސެރިން ގޭސް ފޯރުކޮށްދެނީ ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ކަމަށް ވެސް އިންޓަވިއުގައި އަސަދު ތުހުމަތު ކުރައްވާފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ސޫރިޔާގައި ހިނގަމުން ދަނީ އަހުލީ ހަނގުރާމައެއް ނޫން ކަމަށެވެ.

"އަންޑަ ގްރައުންޑް ޓެރަރިސްޓުންގެ 80 ނުވަތަ 90 ޕަސެންޓް މީހުންނަކީ އަލްގައިދާ މީހުން، ނުވަތަ އެ ޖަމާއަތުން އުފައްދާފައިވާ ޖަމާއަތްތަކުގެ މީހުން،" އަސަދު ވިދާޅުވެފައިވެ އެވެ.