ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 18 އަހަރު ނުފުރޭ 39 ކުއްޖެއްގެ އުމުރު ބަދަލުކޮށްގެން ވޯޓް ލިސްޓްގައި ހިމަނާފައިވާ ކަމަށް އިންތިހާބާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ކޮށްފައިވާ ތަހުގީގެއް ކަމަށް ބުނާ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި "ސިއްރު" ޖަހާފައިވާ އެ ޑޮކިއުމަންޓުގައި ބުނެފައި ވަނީ އެ ޑޮކިއުމަންޓަކީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން އިންތިހާބުގެ ސައްހަކަމާ މެދު ސުވާލުއުފައްދައި، ކުރަމުން ގެންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބުރަވެ ކުރަމުން ގެންދާ ތުހުމަތުތަކެއްތޯ ބެލުމަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ހޯދައިފައިވާ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

އަށް ސޮފްހާގެ އެ ރިޕޯޓްގައި ބުނެފައި ވަނީ އިންތިހާބްގެ ފުރަތަމަ ބުރު ބޭއްވި 7 ސެޕްޓެމްބަރު 2013 އަށް 18 އަހަރު ނުފުރޭ 39 ކުދިންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީގައި ހިމަނާފައި ވަނީ އެ ކުދިންގެ އުފަން ތާރީހަށް ބަދަލު ގެނެސްގެން ކަން އިލެކްޝަންސްގެ ވޯޓާސް ރަޖިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ރެކޯޑްތަކުން އެނގިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސްގެ ޑޮކިއުމަންޓެއް ލީކްވެގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ސޯޝަލް ނެޓްވޯކްތަކުގައި ލީކްވެގެން އުޅޭ ޑޮކިއުމަންޓްގެ ސައްހަކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅޭ އެފަދަ މައްސަލައެއް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ އިންޓެލިޖެންސް އަށް ލިބޭ އެއްވެސް މައުލޫމާތަކީ އެ މައުލޫމާތެއް ހިއްސާކުރަން އޮންނަ ފަރާތަކަށް ނޫނީ ނުދެވޭނެ މައުލޫމާތެއް ކަމުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ލައިވް ލިންކުން ލިބިފައިވާ ރެކޯޑްތަކުގައި ބޮޑު ފަރަގެއްވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެގޮތުން ނޭޝަނަލް ރެޖިސްޓްރޭޝަނުން އައިޑީކާޑު ދޫކޮށްފައިނުވާ 1865 މީހުން އިލެކްޝަންސް ކޮމިޝަންގެ ވޯޓާސް ރަޖިސްޓްރީގައި ހިމެނިފައިވުމާއި ޑީއެންއާރުގައި ރިކޯޑް ނެތް ހަތް މީހެއްގެ މައުލޫމާތު ވޯޓާސް ރަޖިސްޓްރީގައި ހިމެނުމާއި ދުނިޔޭގައި މިހާރު ނެތް ކަމަށް ބެލެވޭ 588 މީހަކު އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ލީކްވެފައިވާ ޕޮލިސް ޑޮކިއުމަންޓްގައިވެ އެވެ.

މީގެއިތުރުން ތަފާތު ދެ އައިޑީކާޑު ނަމްބަރުގައި 22 މީހެއްގެ ނަން ރަޖިސްޓްރީގައިކޮށްފައިވާ މައްސަލައަކާއި އައިޑީކާޑުގައިވާ އުފަން ތާރީހާއި އިލެކްޝަންސަނުން އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީ ދިމާނުވާ 3569 މީހެއްގެ މައްސަލަ އާއި މީހާގެ ނަން ދިމާނުވެ ނަމުގައި މައްސަލަތައް އުޅޭ ކަމަށް ބެލެވޭ 1627 މީހެއް ފާހަގަކޮށްފައިވެ އެވެ.

ޑީއެންއާރުގެ ޑޭޓާ ބޭސްގައިވާ އެޑްރެހާއި އިލެކްޝަންސްގެ އެޑްރެހާއި ދިމާނުވާ 10020 މީހެއްގެ ހިމެނިފައިވާކަން ރެކޯޑްތަކުން ދައްކާ ކަމަށް، ލީކްވެފައިވާ ކަމަށް ބުނާ ފުލުހުންގެ އިންޓެލިޖެންސްގެ ޑޮކިއުމަންޓުގައިވެ އެވެ.

އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެން ޖިންސް ދިމާ ނުވާ 747 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ފޮށިތަކަށް ވޯޓްލި ފިރިހެނުން ނުވަތަ އަންހެނުންގެ އަދަދު އެ ފޮއްޓަކަށް ވޯޓްލުމަށް ރަޖިސްޓްރީވި މީހުންގެ އަދަދަށް ވުރެ އިރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ތ. އަތޮޅު މާލޭގައި ބެހެއްޓި ވޯޓް ފޮއްޓަކަށް 502 އަންހެނުން ވޯޓްލާން ރަޖިސްޓްރީވެފައިވާ އިރު އެ ފޮއްޓަށް 517 އަންހެނުން ވޯޓްލުމުން އިތުރަށް 17 މީހަކު ވޯޓްލާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ އިން އެއްވެސް ފޮއްޓަކަށް ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަށް ވުރެ ވޯޓްލި މީހުންގެ އަދަދު އިތުރު ނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ރައްޔިތުން ރިޔާސީ އިންތިހާބު ބޭއްވި ދުވަހު އޮފީހަށް ހާޒިރުނުވާ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފައި އެކަން ކޮމިޝަންގެ މުވައްޒަފުންނަށް އާއްމުކޮށް އެންގި ނަމަވެސް އެ ދުވަހުގެ އެމީހުން ކޮމިޝަން ތެރޭގައި ހަރަކާތްތެރިވި ކަމަށް ލީކްވެފައިވާ ޑޮކިއިމަންޓްގައިވެ އެވެ.

ސިއްރު އެ ޑޮކިއުމަންޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ސަބަބުން އިންތިހާބްގައި އޮޅުވާލައި މަކަރު ހެދުމުގެ ފުރުސަތުތަކެއް އޮތްކަން އެ ޑޮކިއުމަންޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަޖިސްޓްރީގެ މައްސަލަތަކަކީ ބަޔަކު ގަސްދުގައި އޮޅުވާލައިގެން ނުވަތަ އެނޫން ގޮތަކަށް ކަން ހިނގާފައިވާ ކަމެއް ކަމުގައިވީ ނަމަވެސް އެކަމުގެ ސަބަބުން ގާނޫނާއި ގަވާއިދާއި ހިލާފަށް ބަޔަކަށް ވޯޓް ލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ބެލެވޭނެ ޖާގަ ނުހަނަ ބޮޑު ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ވޯޓްލާ މަރުކަޒުތަކުގައިވާ ލެޕްޓޮޕްތަކާއި ގުޅިފައިވާ ސާވާއާއި އެ މަސައްކަތުގައި ބޭނުންކޮށްފައިވާ ސާވާއާއި އިލެކްޝަންސް ކޮމިޝަންގެ ގާއިމްކޮށްފައިވާ ޑާޓާ ބޭސް ސިސްޓަމްގެ އޮޑިޓެއް ހެދުމަކީ މުހިންމު ކަމެއް ކަމުގައި އިޓެލިޖެންސްގެ ރިޕޯޓް ކަމަށް ބުނާ އެ ޑޮކިއުމަންޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުގެ ނަތީޖާއާ މެދު އާއްމު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭވަރުގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭތީ ދެވަނަ ބުރުގެ އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރު މެދުވެރިވެގެން ނަމަވެސް ފުރަތަމަ ބުރުގެ އިންތިހާބްގެ ނަތީޖާގެ ސައްހަކަން ރައްޔިތުންނަށް ކަށާވަރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އަދި އާއްމުންގެ ހިތްތަކުގައި ނަތީޖާއާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވައި، ދެވަނަ ފަހަރަށް އެކަމާ ގުޅިގެން އުފެދިދާނެ ހަމަނުޖެހުންތައް މަދުކުރުމަށް ދެވަނަ ފަހަރަށް ވޯޓް ފޮށިތައް ގުނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިރު އިންތިހާބުގައި ވޯޓްލި މީހުންގެ ލިސްޓް ޖޭޕީ އަށް ދެއްކުމަށް ހައިކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މައުނަވީ ގޮތެއްގައި އެ ލިސްޓު ބެލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހޯދާދީފައެއް ނުވެ އެވެ.