19 Sep 2013, 11:54
ދަ ތޮމްސަން ފައުންޑޭޝަނާއި ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމް ގުޅިގެން ޓީވީ، ރޭޑިއޯ، އޮންލައިން އަދި ޕްރިންޓް މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ލަންކާގައި ބާއްވާ "އިންވެސްޓިގޭޓިވް ޖާނަލިޒަމް ވޯކްޝޮޕް"ގައި ބައިވެރި ވުމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެވޯކްޝޮޕަށް ނޫސްވެރިން ފޮނުވުމަށް ރާއްޖޭން ހަވާލުވެފައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނީ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުށައެޅުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
ވޯކްޝޮޕްގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ މީޑިއާ އޯގަނައިޒޭޝަނަކުން ވެސް އެއް ރިޕޯޓަރުގެ ނަމާއި ވަނަވަރު ފޮނުވުމަށް އެމްޖޭއޭ އާއި ވޯކްޝޮޕް ހިންގާ ފަރާތްތަކުން އެދެ އެވެ.
ވޯކްޝޮޕްގައި ބައިވެރި ވުމުގެ ޝަރުތުތަކަކީ އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާގެ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އިނގިރޭސިބަސް ރަނގަޅަށް އެނގުމެވެ.
ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ އެ ވޯކްޝޮޕް އޮންނަނީ، އެމްޖޭއޭ އިން ބުނި ގޮތުގައި، ޕްރިންޓް ޖާނަލިސްޓުންނަށް އަންނަ މަހު 14 15 އަދި 16 ވަނަ ދުވަހު އެވެ. ޓީވީ ޖާނަލިސްޓުންނަށް އަންނަ މަހު 17 18 އަދި 19 ވަނަ ދުވަހު އެވެ. އޮންލައިން ނޫސްވެރިންނަށް އަންނަ މަހު 20 21 އަދި 22 ވަނަ ދުވަހު އެވެ. ރޭޑިއޯ ޖާނަލިސްޓުންނަށް އަންނަ މަހު 23 24 އަދި 25 ވަނަ ދުވަހު އެވެ.
އެ ވޯކްޝޮޕްގެ ދެ ކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ދެނީ ދަ ތޮމްސަން ފައުންޑޭޝަނާއި ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމް އިން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
ރާއްޖޭގެ ނޫސްވެރިން ތަމްރީނު ވުމަށް އެމްޖޭއޭ އިން ވަނީ ރާއްޖޭން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައި ދީފަ އެވެ.