ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ދެއްކި ގޮތް ޖުމްހޫރީ ޕާޓީ( ޖޭޕީ) ބަލައި ނުގަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވޯޓްލީ މީހުންގެ ލިސްޓް ބެލުމަށް ވަޑައިގެންނެވި މާޒު އަހުމަދު ސަލީމް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވޯޓްލީ މީހުންގެ ލިސްޓް އެ ޕާޓީ އަށް ދައްކާފައި ނުވާ ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ލިސްޓް ދެއްކީ ހަމައެކަނި ނަމެއްގައި ކަމަށެވެ. އެގޮތުން ލިސްޓުގައިވާ އެއްވެސް މައުލޫމާތެއް ނޯޓުކުރުމުގެ ފުރުސަތު ވެސް އަދި ލިސްޓުގައި އަތް ލުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވަން އޮތީ އިލެކްޝަންސް ކޮމިޝަނުން ވޯޓްލީ މީހުންގެ ލިސްޓު ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަޅުގަނޑުމެންނަށް ދެއްކާފައެއް ނުވެއޭ. އެ ބޭފުޅުން ވިދާޅުވީ ލިސްޓުގައި ހުރި މައުލޫމާތެއް ނޯޓެއް ނުކުރެވޭނެއޭ. ލިސްޓުގައި އަތެއް ނުލެވޭނެއޭ. އެހެން ނަމަވެސް އަޅުގަނޑުމެން ބުނާ ނަންތަކެއް ނުވަތަ ދޭ މައުލޫމާތެއް އެބޭފުޅުން ޗެކް ކޮށް ދެއްވާނަމޭ. އަޅުގަނޑުމެން އެގޮތަށް ވޯޓްލީ މީހުންގެ ލިސްޓް ބަލާކަށް ބޭނުމެއް ނުވޭ. ނަމެއްގައި ލިސްޓެއް ދެއްކި ޔަސް ބަލައެއް ނުގަނެވޭނެ." މާޒް ސަލީމް ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ ރޭގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް ސިޓީއެއް ފޮނުވި ކަމަށެވެ. އެގޮތުން ވޯޓްލީ މީހުންގެ ލިސްޓު ބެލުމަށް ވަޑައިގެންނަވާނެ ދެ މަންދޫބެއްގެ ނަން އެ ކޮމިޝަނަށް ފޮނުވައި ދިނުމަށް ސިޓީގައި އެދިފައިވާ ކަމަށް މާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓްލީ މީހުންގެ ލިސްޓު ދެ މީހުންނަށް ބަލައި ޗެކް ނުކުރެވޭނެކަން ސިޓީ އަކުން އިލެކްޝަންސް ކޮމިޝަނަށް އެން ކަމަށާއި އަދި 25 މީހުންގެ މައްޗަށް އެކުލެވޭ ތީމެއްގެ ނަން ކޮމިޝަނަށޑް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީން އެދުނު ގޮތަށް ކޮމިޝަނުން އެކަން ކޮށްދީފައި ނުވާ ކަމަށް މާޒް ވިދާޅުވި އެވެ.

މާޒް އިތުރަށް ވިދާޅުވީ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ މީހުންނަށް އެތައްހާސް މީހުންގެ ނަން ބަލައި ޗެކް ނުކުރެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަށް ލިސްޓު ދެއްކުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ސެކްރަޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ހައިކޯޓުގެ ހުކުމާ އެއްގޮތަށް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ޖުމްހޫރީ ޕާޓީ އަށް ވޯޓްލީ މީހުންގެ ލިސްޓުގައި ދެއްކުމުގެ ފުރުސަތު ހުޅުވާލި ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން ލިސްޓް ބަލާފައި ނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވޯޓްލީ މީހުންގެ ލިސްޓު ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ދިޔައިރު އެތަނުގައި ރައީސް ވަހީދު ގައުމީ އިންތިހާދު ޕާޓީގެ އިލްޔާސް ހުސެން އާއި އަހުމަދު ތައުފީގް (ޓޯޕީ) ވެސް ވަޑައިގެން ތިއްބެވި އެވެ.