23 Nov 2010, 06:17
ކައުންޓާ ޓެރަރިޒަމްގެ ނަމުގައި ދިވެހި ސަރުކާރާއި ބްރިޓިޝް ހައިކޮމިޝަން ގުޅިގެން ދެ ދުވަހުގެ ވޯކްޝޮޕެއް އިއްޔެ ފަށައިފި އެވެ.
ރާއްޖޭގައި މިހާރު ތައްޔާރުކުރަމުން އަންނަ ކައުންޓާ ޓެރަރިޒަމް ސްޓްރެޓަޖީ އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް އެހީތެރިވެދިނުމުގެ ގޮތުން އާރަށުގައި އިއްޔެ ފެށި އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އެމްއެންޑީއެފުން ބުނީ ދެ ދުވަހުގެ މުއްދަތަށް އާރަށުގައި ކުރިއަށްގެންދާ ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސް މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ އެޖެންސީތަކުގެ ގޮތުގައި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ޑިޕާޓްމަންޓުން ވެސް އެ ވޯކްޝޮޕްގައި ބައިވެރިވެ އެވެ.
ސަރުކާރުގެ ބައެއް އިދާރާތަކުންނާއި އެޖެންސީތަކުން ޖުމްލަ 35 މީހަކު ބައިވެރިވެފައިވާ އެ ވޯކްޝޮޕްގައި އިނގިރޭސިވިލާތުގައި ކައުންޓާ ޓެރަރިޒަމްގައި ހަރަކާތްތެރި ވަމުންދާގޮތް ބައިވެރިންނާ ހިއްސާކުރާނެ ކަމަށާއި ރާއްޖެ އަށް ދިމާވެދާނެ ޓެރަރިޒަމްގެ ތުރެޓްތަކާ ބެހޭ ގޮތުންނާއި ކައުންޓާ ޓެރަރިޒަމް ސްޓްރެޓަޖީ ޑިވެލޮމްކުރުމަށްޓަކައި ބައިވެރިންގެ މެދުގައި ވޯކްޕްލޭންތައް އެ ވޯކްޝޮޕްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެވޯކްޝޮޕާ ބެހޭ އިތުރު މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގެ ފަރާތުން ލެފްޓިނެންޓް މުޙައްމަދު އިނާޔަތު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުންނާއި އެޖެންސީތަކުން ބައިވެރިވެ، ކައުންޓާ ޓެރަރިޒަމްގެ ސެޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖެ އަށް ޓެރަރިޒަމްގެ އެއްވެސް ހަމަލާއެއް ދިމާވެއްޖެ ނަމަ އެމްއެންޑީއެފަށް މަސައްކަތްކުރަން ޖެހެނީ ސަރުކާރުގެ ހުރިހާ އިދާރާތަކަކާ ގުޅިގެން ކަމުގައިވާތީ ކަމަށެވެ. އަދި އެ ހުރިހާ އިދާރާތައް އެކުވެގެން މަސައްކަތްކުރުމަށް މި ސްޓްރެޓެޖީ އޮތުމުން ޤާބިލްކަން އިތުރުކޮށްދޭނެ ކަމަށް އިނާޔަތު ވިދާޅުވި އެވެ.