19 Sep 2013, 11:22
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ހޮލެންޑްގެ އަޔެކްސް ކޮޅަށް ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު 4-0 އިން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ބާސާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި މެސީ ކާމިޔާބުކުރިއިރު އަނެއް ދެ ލަނޑު އޭނާ ކާމިޔާބުކުރީ ފަހު ހާފުގަ އެވެ. ބާސާގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކް އެވެ. އަދި ފަހު ހާފްގައި އަޔެކްސް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ކޮލްބީން ސިގްތޯސަން ޖެހި ޕެނަލްޓީ ބާސާގެ ކީޕަރު ވިކްޓާ ވަލްދޭސް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗުގައި މެސީ ތިން ލަނޑު ޖަހާފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 62 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖުމުލަ ހަތަރު ހެޓްރިކް ހަދައި އެ ރެކޯޑުވެސް ގާއިމްކޮށްފަ އެވެ. މެސީއަށް ވުރެ ގިނައިން ޗެމްޕިއަންސް ލީގުގައި ލަނޑު ޖަހާފައި ވަނީ، 71 ލަނޑު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރައުލް އެވެ.
"މުބާރާތް ފަށާ މެޗު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ހާއްސަކޮށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު،" މެސީ ބުންޏެވެ. "އަހަރެމެންނަށް އެނގޭ ޗެމްޕިއަންސްލީގު ގްރޫޕް ސްޓޭޖަކީ އުނދަގޫ މަރުހަލާއެއް ކަން."
ބާސާގެ ކޯޗު ޖެރާޑޯ މާޓީނީ ބުނީ، ރޭގެ މެޗުގައި އިދިކޮޅު ޓީމަށް ވަރަށް ރަނގަޅަށް ޕްރެޝަރު ކުރިމަތި ކުރެވުނު ކަމަށާއި އަދި މިއީ މުބާރާތުގެ ފެށުން ކަމަށް ވުމުން ޓީމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތައް ގެނެސް ކުރިއަށް އޮތްތާނގައި މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ގްރޫޕް އެޗްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އިޓަލީގެ އޭސީ މިލާން ވަނީ، ސްކޮޓްލެންޑްގެ ސެލްޓީކް އަތުން 2-0 އިން މޮޅުވެފަ އެވެ.
އެ މެޗުގައި މިލާނުން ކާމިޔާބު ކުރި ދެ ލަނޑު މެޗުގެ ފަހު 10 މިނިޓްގެ ތެރޭގައި ކާމިޔާބު ކޮށްފައިވާއިރު ފުރަތަމަ ލަނޑަކީ ސެލްޓިކްގެ އެމީލިއޯ އިޒަގުއެރީ އަތުން ބައިކޮޅަށް ވަނތް ލަނޑެކެވެ. އަދި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިލާންގެ ގާނާ މިޑްފީލްޑަރު ސުލޭމާން މުންތާރީ އެވެ.