މާލޭގައި ހިންގާ ގަރާޖްތަކާއި ވޯކްޝޮޕްތައް މާލޭގެ ވަކި ސަރަހައްދަކަށް ބަދަލު ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ލިބިފައިވާ ކަމަށާއި މިއަންނަ ހަފްތާގައި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ އެކު ލަސްވެފައިވާ އެ މަސައްކަތައް ބޭނުންވާ ހުރިހާ ހުއްދައެއް މިހާރު ހައުސިން މިނިސްޓްރީ އިން ދީފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް ނެރޭ ގެޒެޓެއްގައި އެކަމަށް އިއުލާންކޮށް ވަރަށް އަވަހަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އެމިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

"މިހާރު ވަނީ ހުރިހާ ހުއްދައެއް ލިބިފައި. ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެ، ދެން ލަހެއް ނުވާނެ، ކުރިން ލަސްވަމުން އައީ ހުއްދަތައް ނުލިބޭތީ،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ތައިސޭ ކޮއްޓަށް ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރާ އިރު އެ ފުރުސަތު ލިބިގެންދާނީ މިހާރު މާލޭގައި އެފަދަ ތަންތަން ހިންގާ އަދި އެކަމަށް އެދިފައިވާ 48 ފަރާތަށް ކަމަށެވެ. ސުޖާއު ވިދާޅުވީ ތައިސޭ ކޮއްޓަށް ބަދަލުވުމުގެ ކަންކަން ނިންމާނީ އެ 48 ގަރާޖުތަކުގެ ވެރިންގެ މައްޗަށް އެކުލަވާލާ ކޮމެޓީއަކުން ކަމަށާއި އެކޮމީ އެކުލަވާލަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މާލޭގައި ހިންގަމުން އަންނަ ގަރާޖު ފަދަ ތަންތަނުން އާންމުންނަށް އުނދަގޫވާތީ އެތަންތަން ވަކި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ތައިސޭކޮށިން އެކަމަށް އެދޭ ފަރާތްތަކަށް ބީލަން ފޮޠްތައް ވެސް ވިއްކި އެވެ. ފަހުން މަސައްކަތް ހުއްޓުނީ އެވެ.