19 Sep 2013, 10:53
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ އެ ޕާޓީގެ ހުރިހާ ސިޔާސަތަކަކީ ވެސް "ގައުމަށް އޮތް ވަރަށް ބޮޑު ބިރެއް" ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ޕީޕީއެމް ރޭ ބޭއްވި ޖަލްސާގައި ޖަމީލް ވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ އެކި ސިޔާސަތުތަކަށް "ވަކި ވަކިން" ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
"އަޅުގަނޑުމެން ގަބޫލު ކޮށްގެން ނުވާނެ ރާއްޖޭގެ ކޮންމެ ފަރުދަކީ ނުވަތަ ކޮންމެ ޒުވާނަކީ ބިރަކާނުލާ އުޅެން ޖެހޭ މީހެއް ކަމަކަށް، ބިރަކާ ނުލާ މަޖާކުރަން ޖެހޭ މީހެއް ކަމަކަށް. ސަބަބަކީ ސާފު ސަބަބުތަކެއް. މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި ގާނޫނުގެ ހުކޫމަތު ދެމި އޮންނަނީ އަޅުގަނޑުމެން ބިރުގަނެގެން. އަޅުގަނޑުމެން ކަންތައްތަކަށް ތަބާވެގެން. އަޅުގަނޑުމެން އުސޫލުތަކެއް ގަބޫލުކޮށްގެން. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީގެ ކޮންމެ ސިޔާސަތަކީ ގައުމަށް އޮތް ވަރަށް ބޮޑު ބިރެއް،" ޖަމީލް ވިދާޅުވި އެވެ.
ޒުވާނުނަށް ކަނޑައަޅާފައިވާ ސިޔާސަތުގައި "ބޭނުން ކޮންމެ މާމެލާ މެއްޔަކުން ފޮނި ބޯލާގެން އުޅޭށޭ" ބުނެފައި އޮތުމުގެ މާނައަކީ އެ މީހަކު ބޭނުންގޮތަކަށް "ލާދީނީކޮށް" އުޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަމަށް އަތުވެއްޖެ ނަމަ އިސްލާމް ދީނަށާއި މިގައުމުގެ އާލިމުނަށް ވެސް ނުރައްކާ އޮންނާނެ ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ދީނީ އިލްމްވެރިކަންނާއި އާލިމުންގެ އަގު ވައްޓާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޝަރުއީ ނިޒާމް ރައްކާކުރަން ބޭނުންކަމުގައިވާ ނަމަ، ރާއްޖޭގެ އިސްލާމްދީން އަޅުގަނޑުމެން ހިމާޔަތްކުރަން ބޭނުންކަމުގައިވާ ނަމަ، ރާއްޖޭގެ އާލިމުންގެ އިއްޒަތާ ކަރާމަތް ހިފައްޓަން އަޅުގަނޑުމެން ބޭނުންވާކަމުގައިވާ ނަމަ އަދި، އެންމެ މުހިންމު ކަމެއް ގޮތުގައި ރާއްޖެއިން ކޮރަޕްޝަނުގެ ފަސާދައިގެ ނުބައި އަމަލުގެ ވަބާ ފިލުވަން ބޭނުންވާ ކަމުގައިވާ ނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް ނަޝީދަށާއި އެމްޑީޕީ އަށް އަޅުގަނޑުމެން ބިރުނަގަން ޖެހޭ،" ޖަމީލު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ތަޖުރިބާ އަށް ބަލާ އިރު އަދުލުވެރިކަމާއި ތެދުވެރިކަމާ އެކު އެމަނިކުފާނަށް ވެރިކަން ނުކުރެވޭނެ ކަން ވަނީ ދައްކަދީފައި ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން ލިބިގެންދިޔައީ ވަކި ބަޔަކަށް. ވަކި ސިޔާސީ ފިކުރަކަށް ވަކި، ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް، ވަކި ދިމާލަކަށް ފޯމު ފުރާ ބަޔަކަށް. އަދި ވަކި ޕާޓީއަކަށް ސޮއިކުރާ ބަޔަކަށް، އެއީ އެމްޑީޕީ. އެހެންވީމަ މި ދަންނަވަނީ ގައުމުގެ ހާލަތު ބަދަލު ކުރެވޭނީ އިހްލާސްތެރިކަމާ އެކު މަސައްކަތްކުރާ އަދި ގައުމު ދެކެ ލޯބިވާ ބަޔަކަށްށޭ،" ޖަމީލް ވިދާޅުވި އެވެ.