19 Sep 2013, 10:23
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ސްވިޒަލޭންޑްގެ އެފްސީ ބަސެލް އަތުން އިނގިރޭސި ވިލާތުގެ ޗެލްސީ އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެއްޖެ އެވެ.
ހޯސޭ މޮރީނިއޯ ޗެލްސީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗުން ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވެފައިވާއިރު ޕްރިމިއާ ލީގުގައި އެޓީމް އެންމެ ފަހުން ކުޅުނު މެޗުން އެވަޓަން އަތުންވެސް ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗުން ފުރަތަމަ ފަހަރަށް ކުރިހޯދީ ވެސް ޗެލްސީ އެވެ. ފުރަތަމަ ހާފްގެ ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅު ތެރޭގައި ފްރޭންކް ލަމްޕާޑް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލް ތަރި އޮސްކާއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން 71 ވަނަ މިނިޓްގައި ބަސެލްގެ މުހައްމަދު ސަލާހް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ 11 މިނިޓްފަހުން ބަސެލްއަށް ކުރިހޯދައިދިނީ މާކޯ ސްޓްރެލާ އެވެ.
ފުރަތަމަ 60 މިނިޓްގައި ޗެލްސީ އިން ރަނގަޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރި ނަމަވެސް އެޓީމަށް ބަސެލްގެ ގޯލަށް ނުރައްކާ ކޮށްލެވޭވަރުގެ ގިނަ ހަމަލާތަކެއް އުފެއްދިފަ އެއް ނުވެއެވެ.
ލިވަޕޫލްއިން 50 މިލިއަން ޕައުންޑްގެ ރެކޯޑް އަގަކަށް ޗެލްސީއަށް ގެނެސްފައިވާ ސްޕެނިޝް ފޯވާޑް ފެނާންޑޯ ޓޮރޭޒްއަށް ރޭގެ މެޗުން މޮރީނޮއޯ ޖާގަ ދީފައި ނުވާއިރު، ރަޝާގެ އަންޒީ މަކަޝްކަލާ އިން ޗެލްސީއާ ގުޅުނު ކެމަރޫން ފޯވަޑް ސެމުއެލް އެޓޫއަށް ބަސެލްގެ ކީޕަރު ޓެސްޓް ކޮށްލެވޭފަދަ ހަމަލާއެއް އުފައްދާލެވޭ ވަރުވީވެސް ދެވަނަ ހާފްގެ އިތުރު ވަގުތު އެވެ.
"މެޗަކުން ބަލިވާއިރަށް އަހަރެން ވަކިވަކި ކުޅުންތެރިންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. އަހަރެން ވާހަކަ ދައްކާނީ އަހަރެންގެ ޒިންމާތަކާ ބެހޭ ގޮތުން،" ޗެލްސީގެ ކޯޗު ބުންޏެވެ. "މި ސީޒަންގެ ނިޔަލަށް އަހަރެންގެ މިހާރު މިތިބި ތިން ސްޓްރައިކަރުންނާ ދޭތެރޭ އަހަރެން ހިތްހަމަ ޖެހޭ."
މެޗުން ބަލިވި ނަމަވެސް މޮރީނިއޯ ބުނީ ޓީމުގެ ކުޅުމާ ދޭތެރޭގައި ހިތް ހަމަ ޖެހޭ ކަމަށާއި އަދި ނޮވެމްބަރު މަހު ބަސެލްގައި ކުޅޭ ދެވަނަ ލެގުގައި އެޓީމު އަތުން ބަދަލު ހިފަންޖެހޭނެ ކަމަށެވެ.
"އަހަރެމެން އަތުން ތިން ޕޮއިންޓް ގެއްލިފައި މިވަނީ، އެހެންވީމާ އޭގެ ބަދަލު ހޯދަން ޖެހޭނެ،" މޮރީނިއޯ ބުންޏެވެ. "އަހަރެމެން އެ ތިން ޕޮއިންޓް ހޯދަން ޖެހޭނެ، ބަސެލްގައި، ނުވަތަ ޝަލްކޭ އަތުން، ނުވަތަ ބުކަރެސް އަތުން. އަދި ހަމަ އެހެންމެ އަހަރެމެން ޖެހޭނެ އަވޭ ޕޮއިންޓް ވެސް ހޯދަން."
މޮރީނިއޯ ބުނީ މި މެޗުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖް ނިމޭއިރު ގަދަ ދެ ޓީމްގެ ތެރޭގައި އޮތުމަށް ކުރާ މަސައްކަތައް އަދި އެއްވެސް ހުރަހެއް ނޭޅޭ ކަމަށާއި، އެކަން ހާސިލް ކުރެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.