19 Sep 2013, 10:27
ޔުނިވާސަލް އެންޓަޕްރައިސަސް އިން އއ. ކަނދޮޅުދޫ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި، ޔުނިވާސަލް އިން ކަނދޮޅު އައިލެންޑްގެ ނަމުގައި އެ ރަށް ހުޅުވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހު އެވެ. އަދި ފުރަތަމަ ގެސްޓް ޖެނުއަރީ 11 އަންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހިންގި ރަށަށް 12 މިލިއަން ޑޮލަރު ހަރަދުގެން ރިސޯޓެއްގެ ގޮތުގައި ހުޅުވާއިރު ތަފާތު ފަސް ކެޓަރީގެ 30 ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި އެއްގަމު ކޮޓަރި އާއި މޫދު ކޮޓަރިތައް ވެސް ހިމެނެ އެވެ. އަދި އެ ރިސޯޓުގައި ހަތަރު ރެސްޓޯރަންޓާއި އެއް ބާ އަދި ހަތަރު ކޮޓަރީގެ ސްޕާ އަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސް އާއި އެކްސްކާޝަން އަދި ފިޓްނަސް ރޫމް ވެސް ހިމެނެ އެވެ.
އަރި އަތޮޅުގެ އެންމެ ހިތްގައިމު ސަރަހައްދުގައި އޮންނަ ރަށަށް މާލެއިން ފުރައިގެން ސީ ޕްލޭންގައި 20 މިނެޓުންދެވެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ފަސް ތަރީގެ ފެންވަރަށް ހިންގާ ރިސޯޓަކީ ހިތްގައިމު ރީތި ގޮނޑުދޮށަކާއި ރީތި މުރަކަ އެކުލެވޭ އަދި ފެހިކަން ގަދަ ރީތި ރީތި ރިސޯޓެއް ކަމަށެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުއްލަތީފް އެ ރަށް ސިފަކުރެއްވީ ވަރަށް އާދަޔާ ހިލާފު ރަށެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އެ ސައިޒުގެ ރަށެއް ރާއްޖޭގައި މަދުވާނެކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ހަސަން ޒަމީލް މިއަދު ވިދާޅުވީ ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހިންގި ރަށް ޔުނިވާސަލް އެންޓަޕްރައިސަސް އިން ކަދޮޅުދޫ ރިސޯޓަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރިސޯޓަކަށް އެ ރަށް ބަދަލުކުރުމަށް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.