19 Sep 2013, 10:21
ސޫރިޔާގައި މިދިޔަ އޮގަސްޓް މަހު ދިން ނުރައްކާތެރި ކެމިކަލް ހަމަލާގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖޭން ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގައި ފުޅާ ދާއިރާއެއްގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަން ޔޫއެންގެ މާހިރުންގެ ޓީމަށް ހޯދިފައި ވުމުން ދިވެހި ސަރުކާރަށް ސިހުން ލިބިފައިވާ ކަމަށެވެ.
"ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފު މިނުރައްކާތެރި އަމަލު ދިވެހިރާއްޖޭން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިކަމުގައި ޒިންމާވާންޖޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ކެމިކަލް ހަތިޔާރު އުފެއްދުމާއި ތަރައްގީކުރުމާއި އެއްކުރުމާއި ބޭނުންކުރުން މަނާކުރާ މުއާހަދާގައި ސޫރިޔާއިން ސޮއިކޮށްފައި ވާތީ ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ނައްތާލުމަށް އެމެރިކާއާއި ރަޝިޔާއިން އެކުލަވާލި ފްރޭމްވޯކަށް މަރުހަބާ ކިޔާ ކަމަށެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ޣޫތާ އަވަށަށް އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ދިން ސެރިން ގޭހުގެ ހަމަލާގައި 1300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތުހުމަތު ކުރަނީ އެހަމަލާ ދިނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ތުހުމަތު ކުރަނީ އެހަމަލާ ދިނީ އިދިކޮޅު ހަނގުރާމަވެރިން ކަމަށެވެ. އެމައްސަލަ ތަހުގީގު ކުރި ޔޫއެންގެ މާހިރުން ވެސް އެހަމަލާ ދިނީ ކޮންބައެއްތޯ ބަލާފައެއް ނުވެ އެވެ.