19 Sep 2013, 10:15
ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ރިޔާސީ އިންތިހާބާ ދިމާކޮށް، "ބަޔަކާ ގުޅިގެން އޭރިޔާ ތެރެއިން ލައިން ކްރޮސްކޮށްފި ނަމަ" ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ބޭނުންކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި އެވެ.
އެމްބީސީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ "އަންދަލުސް" ދަރުހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދެއްވި ދަރުހެއް ކަމަށް ބުނެ އެ ދަރުސު ޓީވީއެމުން ލައިވް ކުރި މައްސަލާގައި އެ ކޯޕަރޭޝަން ކޮމެޓީ އަށް އިއްޔެ ހާޒިރު ކުރި ބައްދަލުވުމުގަ އެވެ.
މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ ސަލަފުގެ ދަރުހުގައި ރައީސް ނަޝީދަށް ނިސްބަތްކޮށް، އިދިކޮޅު ކެމްޕޭނަކަށް ދާގޮތަށް "ރޭވިގެން އައި ކަމެއްގެ ތެރެއިން" ކުރި ކަމެއް ކަމަށް ހީފުޅު ކުރެއްވި ކަމަށެވެ. ނަމަވެސް ކޮމެޓީ އަށް ހާޒިރުވެ، ކަން ހިނގައި ދިޔަ ގޮތް އެމްބީސީން ކިޔައިދިނުމުން ކަންތައްތައް ސާފުވެގެން ދިޔަ ކަމަށެވެ.
މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީ އަށް ލިބިއްޖެ ކަމަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ ޕަބްލިކް ބްރޯޑްކާސްޓަރު، އެމްބީސީން ބަޔަކާ ގުޅުން ބާވައިގެން، އަދި ނޭނގި ނަމަވެސް "ލައިން ކްރޮސްކޮށްފި ނަމަ" ފިޔަވަޅު އެޅާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވާ ލައިން ކްރޮސް ކުރުމަކީ ރައީސް ނަޝީދުގެ އިންތިހާބީ ހައްގެއް ނިގުޅައިގަންނަ ގޮތަށް އިދިކޮޅު ކެމްޕޭނެއް ކުރުމެވެ.
"އަނެއްކާ ވެސް ގަޑުބަޑުގަޑެއް އުފެދިގެން މިރާއްޖޭގައި މިއުޅެނީ. ތިޔަ ބޭފުޅުން މި އޭރިއާ ތެރެއަށް ނުވަނުމަށް އަޅުގަނޑުމެން އެދެން. އިރާދަ ކުރެއްވިއްޔާ މިއަދު މަޖިލީހުގައި ސާފު އަގުލަބިއްޔަތާ އެކު އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންގެ އޭރިޔާތެރެއަށް ލައިން ކްރޮސްކޮށްފައިވަދެފިއްޔާ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.
އެމްބީސީގެ ބޯޑުގެ މެންބަރުންނަށް އަލީ ވަހީދު އިންޒާރު ދެއްވުމުން ކޮމެޓީ އަށް ވަދެތިބި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ބިރުގަންނާނެ ކަމެއް ނެތް ކަމަށާއި ވަޒީފާ އާއި ރިޒުގު ދެއްވަނީ މާތް ކަލާންގެ ކަމަށެވެ.
"އެކަމާ ބިރު ނުގަންނާތި، ވަޒީފާ ދެއްވަނީ މިތާކުން ނޫން، ވަޒީފާ ދެއްވަނީ މާތްކަލާންގެ. ރިޒުގު ދެއްވަނީ މާތްކަލާންގެ. ކޮން އަގުލަބިއްޔަތެއްތަ؟،" އަލީ އާރިފް ވިދާޅުވި އެވެ.
އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ގޮސްފައިވާ ދެ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން ލިބޭނެ ގޮތަކަށް އެއްވެސް ބަޔަކަށް ފުރުސަތު ދީފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި އެފަދަ ކަމެއް ނުވެސް ކުރާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ މަގުސަދެއް އަދި ނިޔަތެއް ވެސް އެމްބީސީގެ ބޯޑުގައި ނެތް ކަމަށް މަނިކު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރީ ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮއްވައި، ޖުލައި 12، 2010، ގަ އެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި މިހާރު ތިއްބަވަނީ ހަތް މެންބަރުންނެވެ. އެމްބީސީ ބޯޑުގައި ހިމެނޭ ހ. ބޮނޑިކަނދޮޅުގޭ ނަހުލާ އަލީ އާއި ގ. ވަށަފަރު އިގްބާލް އާދަމް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްބީސީގެ ބޯޑުގައި މިހާރު ހިމެނޭ ހަތް މެންބަރުންނަކީ މ. ޝެރިފް އަލީ ޝަރީފާއި މ. ޒިޔާރަތްދޮށުގެ މުހައްމަދު ޝަފްރާޒް ހާފިޒާއި ހ. ސޯސަންފްލާވާ އިބްރާހީމް އުމަރު މަނިކާއި މ. ނިޔަނދުރު އަލީ ޝައްމާނާއި ސ. ހިތަދޫ ލިލީވިލާ މުސްތަންސިރު މުމްތާޒާއި ސ. ހިތަދޫ ސެވެންސްޓާ އާއިޝަތު ދިޔާނާ ތާހިރާއި ހ. ތަންބީއާގެ އަބްދުލްހަމީދު އަބްދުއްސަމަދެވެ.