ތެހެރާން (ސެޕްޓެމްބަރ 19): އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާކަމަށާ ނަމަވެސް ނިއުކްލިޔާ އިލްމު ހޯދުމާއި މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ހުއްޓުމެއް ނެތި އީރާނުން މަސައްކަތް ކުރަމުންގެންދާ ކަމަށް އެގައުމުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ވިދާޅުވެއްޖެ އެވެ. ރޫޙާނީ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް އޮބާމާ އޭނާ އަށް ސިޓީ އެއް ފޮނުއްވާފައިވާ ކަން ހާމަކުރެއްވުމަށްފަހުގަ އެވެ. އޮބާމާގެ ސިޓީ އަކީ ހިތްހަމަ ޖެހޭ ސިޓީއެއް ކަމަށާ ނިއުކްލިޔާ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރޫޙާނީ ވިދާޅުވި އެވެ.

އެމެރިކާގެ މަޝްހޫރު ކޭބަލް ނިއުސް ނެޓްވާކް (ސީއެންއެން) އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ރޫޙާނީ ވިދާޅުވީ އެއްވެސް ޙަލަތަކާގުޅިގެން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް އީރާން ނުގެންގުޅޭ ކަމަށާ އީރާނުގެ ދިފާޢީ ހަތިޔާރުތަކުގެ ތެރޭގައި ނިއުކްލިޔާ ހަތިޔާރު ނުހިމެނޭނެ ކަމުގަ އެވެ. މެދުމިނުގެ ސިޔާސަތު ތަކެއް ގެންގުޅުއްވާ އަދި ހުޅަނގުން މަތީ ތަޢްލީމު ޙާސިލް ކުރައްވައިގެން ހުންނެވި ޑރ. ރޫޙާނީ އީރާނުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ނިއުކްލިޔަރ މައްސަލައާގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އެގައުމު ސަލާމަތް ކުރައްވާނެ ވައުދާއެކުގަ އެވެ. ދަތިކުރުމުގެ މިފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިސާދަށް ދަނީ އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

އެމެރިކާ އާއި ޔޫރަޕް، ތުހުމަތުކުރާގޮތުގައި މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ ޕްރޮގްރާމާ އެއްހަމައެއްގައި އީރާނުން ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ސިއްރު ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. އަދި އީރާން، ދުނިޔެ އަށް ހާމަކުރަނީ މަދަނީ ނިއުކްލިޔާ ޕްރޮގްރާމް އެކަނި ކަމަށާ ޢަސްކަރީ ނިއުކްލިޔަރ ޕްރޮގްރާމް އުޅެނީ ފޮރުވައިގެން ކަމަށްވެސް ހުޅަނގުން ތުހުމަތުކުރެ އެވެ. ނަމަވެސް މިތުހުމަތުތަކާގުޅޭ އެއްވެސް ހެއްކެއް ހުޅަނގަށް ދެއްކިފައެއްނުވެ އެވެ.

އީރާނަކީ މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީގައި މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމަކަށްވާއިރު މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމަކަށް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ ބޭނުންވެއްޖެ ހިނދެއްގައި ވަރަށް ފަސޭހަކަމެއް ކަމަށާ ހަގީގަތުގައި ނިއުކްލިޔަރ ޢިލްމާއި ޓެކްނޮލޮޖީއަކީ އެކަށްޗެއް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

ނިއުކްލިޔަރ ޓެކްނޮލޮޖީގެ އިތުރުން ސެޓަލައިޓް އުފެއްދުމާއި ފަޒާގެ ޓެކްނޮލޮޖީއާއި ހަތިޔާރާއި ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ޓެކްނޮލޮޖީވެސް އީރާނުން ތަރައްޤީ ކުރަމުންގެންދާތީ އެމެރިކާއާއި ޔުރަޕްގެ އިތުރުން އިސްރާއީލު ގެންދަނީ ކަންބޮޑުވާކަން ހާމަކޮށް އީރާނަށް ހަމަލާދޭނެ ކަމަށްބުނެ ޢަސްކަރީ ބިރުވެސް ދައްކަމުންނެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި އީރާނުން ކުރިޔަށްގެންދާ ހަތިޔާރާއި ޓެކްނޮލޮޖީގެ އެހެން ޕްރޮގްރާމް ތަކާމެދު އިސްރާއީލާއި އެމެރިކާ އާދަޔާ ޚިލާފަށް ޖެހިލުންވަނީ އިސްރާއީލުގެ ކޮޅަށް ބަރުވެފައިވާ މެދުއިރުމަތީގެ ޢަސްކަރީ ބާރުގެ ތިލަފަތް މިކަމުގެ ސަބަބުން ހަމަހަމަވެ އިސްރާއީލުގައި ހުރިފަދަ ބާރުގަދަ މަތީ ޓެކްނޮލޮޖީގެ ހަތިޔާރު އީރާނަށް ލިބިދާނެތީ އެވެ.

އިސްރާއީލަކީ ގަދަބާރުން ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްތިޢުމާރީ ދައުލަތަކަށްވާތީ އިސްރާއީލާއި އީރާނާ ދެމެދު ޢަސްކަރީ ބާރުގެ ތިލަފަތް ހަމަވެއްޖެނަމަ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށް ނުރައްކާވެދާނެ ކަމަށް އިސްރާއީލާއި އެމެރިކާ ދެކެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށްޓަކައި އަންނަ ހަފްތާގައި އީރާނުގެ ރައީސް އެމެރިކާގެ ނިޔުޔޯކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)