އިންފްލޭޝަން އާއި ތަކެތިގެ އަގު އުފުލެމުންދާ ވަރަކަށް އެމްޑީޕީ ސަރުކާރެއްގައި ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ސަރުކާރު މުވައްޒަފުންނާއި ވައުދުވާން ބެނުންވަނީ އިންފްލޭޝަން އާއި ތަކެތީގެ އަގު އުފުލެމުންދާ މިންވަރަކަށް އިރާދަ ކުރެއްވިއްޔާ އެބޭފުޅުންގެ މުސާރަ ވެސް އަޅުގަނޑުމެން އުފުލަމުން ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

ރޭ މާފަންނު ދެކުނު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރި ކަމަށް ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ އިން ވެރިކަމަށް އައިސް ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން ދަށުގެ މަގާމުތަކުގައި ތިބި ހުރިހާ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބޮޑު ކޮށްފައިވާނޭ ކަމަށެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ހާއްސަ އިގްތިސާދީ ހަލަތާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނާއި މަޝްވަރާ ކުރައްވައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައިން 15 ޕަސެންޓް އެއް އަހަރު ދުވަހަށް ހިފެހެއްޓެވި ކަމަށެވެ. އަދި ވިދާޅުވީ އެއީ ސަރުކާރުގެ ދަރަނި ބޮޑުވުމުން ސިވިލްސާވިސް މުވައްޒަފުންގެ އަތުން ދައުލަތަށް ނެގި "ލޯނެއް" ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ "ލޯން" ސަރުކާރުގެ ފަރާތުން ފަހުން ސިވިލް ސާވިސް މުވައްޒަފުންނަށް ދައްކާފައިވާ ކަމަށެވެ.

"ސަރުކާރުން ސިވިލް ސަވިސް މުވައްޒަފުން އަތުން ލޯނެއް ނެގީ ދަރަނި ބޮޑުވެގެން ދިޔަދިޔަނުން. ސަރުކާރުން އެލޯނު ސިވލް ސާވިސް މުވައްޒަފުންނަށް ވަނީ ދައްކާފައި." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ސިވިލްސާވިސް މުވައްޒަފުންގެ އަތުން އުނި ކުރި ފައިސާ ސިވިލް ސާވިސް މުވައްޒަފުންނަށް ހޯދާދީފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ކޯޓަށް ގޮސްގެނެވެ. އަދި އެ ފައިސާ ކޯޓުން ދިނުމަށް އަމުރުކުރުމުން ވެސް ނަޝީދުގެ ސަރުކާރުން ވަނީ އެ ފައިސާ ދިނުމަށް އިންކާރުކޮށްފަ އެވެ. އެ ފައިސާ ސިވިލްސާވިސް މުވައްޒަފުންނަށް އަނބުރާ ހޯދައިދިނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުންނެވެ.