ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޓީވީއެމް އިން ގެނެސްދިން ރިޔާސީ ބަހުސް ޕްރޮގްރާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކަރުދާސްތަކެއް ވެއްދި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމް އަދި އެމްޑީއޭ އިން ގުޅިގެން ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ކޮންމެ ކަމެއްގައި ވެސް "ލާނެތް" ކަންތައްތަކެއް ކުރައްވާ ކަމަށެވެ.

މިގޮތުން ރިޔާސީ ބަހުސަށް އެއްވެސް ކަރުދާހެއް ނުވަތަ ނޯޓެއް ނުވެއްދޭނެ ކަމަށް ބުނެފައި ވަނިކޮށް، އެބަހުސަށް ވެސް ނަޝީދު ކަރުދާސްތަކެއް ވެއްދި ކަމަކީ ފާޅުކަން ބޮޑުކޮށް އެނގެން އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"(ރައީސް ނަޝީދު) ކުރައްވާ ކޮންމެ ކަމެއްގައި ކޮންމެވެސް ކަހަލަ ލާނެތް ކަމެއް ހިމެނޭ. ރިޔާސީ އިންތިހާބުގެ ބަހުސްގައި އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ރިޔާސީ ކެންޑިޑޭޓުން މިދަނީ ޓެސްޓެއް ހަދަން. އެއްވެސް ކަރުދާސްކޮޅެއް އެތެރެއަކަށް ނުވެއްދޭ. އަޅުގަނޑުމެން ރިޔާސީ ކެންޑިޑޭޓުން ގޮއްސަ ޕޯޑިއަމްގައި ހުއްޓުނު ހިސާބުން، ފަހުން ޓީވީ އިން މިފެނިގެން ދަނީ އެމަނިކުފާނު ކޯޓުގެ ޖީބުން ކަރުދާސްތަކެއް ނެންގެވި[ތަން]،" ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ނަޝީދަކީ ގާނޫނަށް ވުރެ މަތިން، ޤާޒީ އިން ހައްޔަރުކޮށް ކޯޓުތައް ތަޅު އަޅުއްވާފައިވާ ބޭފުޅެއް ކަމަށާއި، ނަޝީދު ވެރިކަމަށް ވަޑައިގެންފި ނަމަ، އެކަންތައްތައް ތަކުރައްވާނެ ކަމަށެވެ.

ޔާމީންގެ ރަނިންގް މޭޓްގެ އިތުރުން ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކަންތައް ދިޔަ ގޮތުން ސާފު ނުވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އަދި އެހެން ކަމުން ދެވަނަ ބުރަކަށް ދާއިރު، އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ އިލްތިމާސް އަހަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިލްކެޝަނުގައި މިދަންނަވަނީ އިންތިހާބުގައި ވޯޓުލާން މިއޮންނަ ދަފްތަރު ނޫނިއްޔާ ރައްޔިތުންގެ ނަންތައް މިއޮންނަ ދަފްތަރަކީ ސިޔާސީ ލީޑަރުން ނުވަތަ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހަމަ ކޮންމެ ގަނޑެއްގައި އިނީޝަލްކޮށް އަޅުގަނޑުމެންގެ އިނގިލީގެ ނިޝާން ނޫނިއްޔާ އަޅުގަނޑުމެން ސޮއިކޮށްފައި އޮންނަ ގަނޑަކަށް ވާން ޖެހޭނެ[ކަމަށް]." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް އިން އަހާ އެހުމަކީ ޑެމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ނޭހޭނެ ވާހަކައެއް ނޫން ކަމަށާއި ވޯޓުލާ މީހުންނަކީ އެކަމުގެ ހައްގު ލިބިގެންވާ މީހުންކަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.