ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓް ހައިކޯޓުގެ ހުކުމާ އެއްގޮތަށް މާދަމާ ޖުމްހޫރީ ޕާޓީ އަށް ދައްކާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބްގައި ވޯޓްލި މީހުންގެ ލިސްޓް ހައިކޯޓުގެ ހުކުމާ އެއްގޮތަށް ޖުމްހޫރީ ޕާޓީ އަށް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އެކޮމިޝާނުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ލިސްޓް ޖޭޕީ އަށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެތޮތުން އެ ލިސްޓް ބެލުމަށް އެދިފައިވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12 ޖަހަންދެއް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެކަން އެ ޕާޓީ އަށް ވެސް އަންގާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުމުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ވޯޓްލީ މީހުންގެ ލިސްޓް ހޯދުމަށް ޖޭޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ވޯޓުލީ މީހުންގެ ލިސްޓް ބާއްވައިގެން ޖޫމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ކަނޑައަޅާ މަންދޫބުންނަށް ވޯޓުލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ދިނުމަށެވެ.